ލ. އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4″ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް، މިހާތަނަށް އެ މީހުންގެ ހަބަރެއް ވެފައި ނުވެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނިގޮތުގައި، ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް، އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، ތިން މީހުންގެ ތެރެއިން އެކަކުވެސް އަދި ފެނިފައި ނުވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި "ފްރެންޑް 4″ އަށް ރާޅު އަރައި، މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ދިޔަވާން ފެށުމުންނެވެ. ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއެކު ޖުމްލަ އަށް މީހަކު ތިއްބައި، ހަމްދޫން ފިޔަވައި ދެންތިބި ހަތް ބިދޭސީން ސަލާމަތްކުރެވުނު ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.
ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައި ދެން ގެއްލުނީ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި، ފުލުހުންގެ އަލީ ނާފިއު އެވެ. މި ދެ މީހުން ގެއްލުނު ވަގުތު ތިބީ ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައި ކަމަށް، ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި، ދޯނީގެ މެދުތެރޭގައި ވެލި ބަސްތާތައް ހުއްޓައި ދޯނި އެއްކޮޅަށް ބުރަވެ އަރިއަޅާލި ވަގުތު އެ މީހުން ކަނޑަށް ވެއްޓުނީ އެވެ.
2009 ވަނަ އަހަރު ބަނދެފައި އޮތް، 17 އަހަރު ވެފައިވާ މި ދޯނި އަރިއަޅާލި ވަގުތު، އަވަހަށް ބޭރަށް ނުކުމެވުނު މީހުންނަށް ސަލާމަތްވެވުނު ކަމަށް ވެސް އެ މީހާ ކިޔައިދިނެވެ.
ކޮމެންޓު ފޮނުވާ