ހޮރްމޫޒުން އެމެރިކާ އާއި އިޒްރޭލުގެ އުޅަނދުފަހަރު މަނާކުރަން އީރާނުގައި ބިލެއް

ހޮރްމޫޒުން އެމެރިކާ އާއި އިޒްރޭލުގެ އުޅަނދުފަހަރު މަނާކުރަން އީރާނުގައި ބިލެއް

Author
އަހުމަދު
07 އޮގަސްޓް 2026 09:26
0

އެމެރިކާ އާއި އިޒްރޭލު ފަދަ ދުޝްމަނު ގައުމުތަކުގެ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރާ ބިލެއް އީރާނުގެ މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކުރަން ފަށައިފި އެވެ.

އީރާނުގެ ދައުލަތާ ގުޅުން ހުރި ފާރްސް ނިއުސް އޭޖެންސީން އިއްޔެ ރިޕޯޓުކުރި ގޮތުގައި، ފުރަތަމަ މަރުހަލާގައި އޮތް މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެ އުސޫލުތަކާ ހިލާފުވާ އުޅަނދުފަހަރުގައި ހުންނަ މުދަލުގެ އަގުގެ 20 ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. މަޖިލީހުގެ މެންބަރަކާ ހަވާލާދީ ފާރްސް އިން ބުނީ ފައިނަލް ޑްރާފްޓް އެކުލަވާލުމުގެ ކުރިން ކަމާ ބެހޭ މާހިރުންގެ ލަފާ ހޯދުމަށް މަޖިލީހުން ދައުވަތު ދީފައިވާ ކަމަށެވެ.

ސްޓްރެޓެޖިކް ގޮތުން ދުނިޔޭގެ އެންމެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒުން ދަތުރުކުރާ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނަށް ދިނުމުގެ ފުރުސަތު ދޭ އެއްބަސްވުމަކާ މެދު އީރާނާއި އޮމާނުން ދަނީ މަޝްވަރާކުރަމުންނެވެ. މި ބިލު ފާސްވެއްޖެ ނަމަ، އެ ސަރަހައްދަށް ވަދެއުޅުމުގައި ތެހެރާނުން ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުކަށިވެ، އީރާނުގެ ބާރު ވަރުގަދަވެގެންދާނެ އެވެ.

ފަސް މަސް ދުވަހަށް ދިގުލައިގެންދިޔަ އީރާން-އިޒްރޭލް ހަނގުރާމައަށް ފަހު، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި ވެފައިވަނީ އެންމެ ބޮޑު ހުރަހަކަށެވެ. އޮމާން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެގެން ކުރިއަށްދާ މި މަޝްވަރާތަކުގައި އަސާސީ ބައެއް ކަންކަމަށް އެއްބަސްވެވިފައިވާ ކަމަށާއި، އެއްބަސްވުމުގެ ފައިނަލް މަރުހަލާގައި އޮތް ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް، މި ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އެއްބަސްވެވެން ނެތް ކަމަށް އެމެރިކާގެ އޮފިޝަލުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ސަރަހައްދުން ބޭރުވާ އުޅަނދުފަހަރުގެ މައްޗަށް އީރާނުގެ ބާރު ހިނގާނެ މިންވަރު އަދި ޓްރާންސިޓް ފީގެ މައްސަލައަކީ އެއްބަސްވުމަކަށް ނާދެވި އޮތް އެންމެ ބޮޑެތި މައްސަލަތަކެވެ. އީރާނުން ބޭނުންވަނީ އުފުލާ މުދަލުގެ އަގުގެ 5-7 ޕަސެންޓާ ދެމެދުގެ ފީއެއް ނަގާށެވެ. އޮމާނުން ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 3 ޕަސެންޓުގެ ފީއެކެވެ. ނަމަވެސް އެއްވެސް ފީއެއް ނެގުމާ އެމެރިކާ ދަނީ ދެކޮޅު ހަދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.