ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ފަހަރު ވިއްކުމަށް ހުޅުވާލީ ހަތަރު ޓީ-ބިލެކެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހަށް އަނބުރާ ދައްކާ ގޮތަށް 265 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، ނޮވެމްބަރު 16 ވަނަ ދުވަހަށް އަނބުރާ ދައްކާ ގޮތަށް 55 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކުމަށް ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ފެބްރުއަރީ އަށެއްގައި އަނބުރާ ދައްކާ ގޮތަށް 255 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، އަންނަ އަހަރުގެ އޮގަސްޓް ނުވަޔަކަށް އަނބުރާ ދައްކާ ގޮތަށް 535 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވެސް ވަނީ ވިއްކުމަށް ހުޅުވާލައިފަ އެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަނެ އުޅެނީ ޕެންޝަން ފަންޑާއި، ބައެއް ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެ އެވެ.
ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެކެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ-ބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށްފަހު، މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އިން އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ކޮމެންޓު ފޮނުވާ