ރާއްޖޭގައި ފެތުރެމުންދާ ހިމަބިހީގެ އިތުރު 13 ކޭހެއް އަނެއްކާވެސް ފެނި، ޖުމްލަ އަދަދު 199 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކުރި ގޮތުގައި، މި 13 ކޭސް ފެނިފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ. މި އަހަރުގެ މޭ މަހު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް ފެށުނު ފަހުން، ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް މައްޗަށެވެ.
ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ދަނީ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަމުންނެވެ. މި މަސައްކަތަށް ބޭނުންވާ ވެކްސިން ޑޯޒްތައް ދާދި ފަހުން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް 12,971 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ހިމަބިއްސަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ ގާތުން ބައްދަލުވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެއް މީހެއްގެ ފުށުން އަނެއް މީހަކަށް ވައިރަސް ފެތުރެނީ، ހަށިގަނޑުގައި ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެނެވެ.
ކޮމެންޓު ފޮނުވާ