ފެބުރުވަރީ މަހަށް ފަހު، އެއް ދުވަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. އިއްޔެ ރާއްޖެއަށް 8،621 ފަތުރުވެރިން އައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހު މިހާތަނަށް 100،148 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެއީ ވޭތުވެދިޔަ މަހުގެ މި މުއްދަތާ އަޅާކިޔާއިރު 0.5 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރު މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ މި މުއްދަތަށްވުރެ 3.2 ޕަސެންޓް ދަށް ނަމަވެސް، 1.6 މިލިއަން ފަތުރުވެރިން އައި 2024 ވަނަ އަހަރުގެ އެ މުއްދަތަށްވުރެ ގިނަ އަދަދެކެވެ.
އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން، ގާތްގަނޑަކަށް ތިން ލައްކަ މީހުންނެވެ. ދެވަނައަށް ރަޝިއާއިން ދެ ލައްކަ މީހުން އައިސްފައިވާއިރު، އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީން ވެސް ކޮންމެ ގައުމަކުން ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، މާރިޗް މަހުން ފެށިގެން ފަތުރުވެރިންގެ އަދަދު ދަށްވިއެވެ. ނަމަވެސް ފަހުން އަދަދުތައް ވަނީ އިތުރުވަމުން އަންނަމުންނެވެ. ފެބުރުވަރީއަށް ފަހު އެންމެ ގިނަ ފަތުރުވެރިން އައީ އޯގަސްޓު މަހު، 197،640 މީހުންނެވެ.
ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މި އަހަރުގެ ފަހު ސީޒަން ވަރަށް ކާމިޔާބު ވާނެ ކަމަށާއި، 2.2 މިލިއަން ފަތުރުވެރިން އައި ފާއިތުވި އަހަރަށްވުރެ މި އަހަރުގެ އަދަދު މަދުނުވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ