އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގއަށް ވަގުތުން ފައިސާ ނުދައްކާ ކަސްޓަމަރުންގެ ބޭންކިންގ ޚިދުމަތްތައް، އަންނަ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށް އެ ބޭންކުން އިޢުލާނުކޮށްފިއެވެ.
ބޭންކުން ބުނީ، މި ފިޔަވަޅަކީ ފައިސާ ވަގުތުން ދެއްކުމުގެ އާދަ ބިނާކޮށް، ކަސްޓަމަރުންގެ އެކައުންޓްތައް ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. ޚިދުމަތަށް އުނިކަމެއް ނާންނާނެ ގޮތަށް، މުއްދަތު ހަމަވުމުގެ ކުރިން ދައްކަންޖެހޭ ފައިސާ ދައްކަން ކަސްޓަމަރުންނަށް ބޭންކުން ގޮވާލައެވެ.
ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް ހުއްޓިއްޖެނަމަ، އެ މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން އެއް ދުވަހުގެ ތެރޭގައި ޚިދުމަތް އަލުން ފަށައިދޭނެއެވެ. އޯވަރޑިއު ވެފައިވާ ކަސްޓަމަރުންނަށް، ޚިދުމަތް ހުއްޓުމުގެ ކުރިން މެސެޖު ފޮނުވައި ހަނދާންކޮށްދޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ. އިތުރު މަޢުލޫމާތަށް 1613 އަށް ގުޅުއްވޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިންގ ދޫކުރަމުން އަންނަނީ ލޯކަލް ޓޫރިޒަމް، މަސްވެރިކަމާއި ދަނޑުވެރިކަން، ކްރިއޭޓިވް އަދި ޑިޖިޓަލް ދާއިރާ، އުފެއްދުންތެރިކަމާއި ވިޔަފާރި، އަދި ކަނޑު ދަތުރުފަތުރުގެ ދާއިރާއަށެވެ. އަންހެން ވިޔަފާރިވެރިންނާއި ޒުވާނުންނަށް ޚާއްޞަ އިސްކަމެއް ދެވެއެވެ. އިސްލާމީ އުޞޫލުން ދޫކުރާ މި ފައިނޭންސިންގގެ ފައިދާގެ ރޭޓަކީ އަހަރަކު 9 އިންސައްތައިން 10.5 އިންސައްތައާ ދެމެދެވެ. އެންމެ ގިނައިން 10 މިލިއަން ރުފިޔާއާ ހަމައަށް ލިބޭއިރު، ބައެއް ފެސިލިޓީތައް ރަހުނަކާ ނުލައިވެސް ލިބެއެވެ.
ފައިނޭންސިންގއަށް އެދި ހުށަހަޅަންވާނީ އެސްއެމްއީ ޑިޖިޓަލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ފައިސާ ދެއްކުމާއި އެކައުންޓް ބެލެހެއްޓުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕްގެ ބޭނުން ހިފޭނެއެވެ.
ކޮމެންޓު ފޮނުވާ