ގުޅުމުގެ 60 އަހަރު ފުރޭ އަހަރު، ރައީސް ޕާކިސްތާނަށް: ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ

ގުޅުމުގެ 60 އަހަރު ފުރޭ އަހަރު، ރައީސް ޕާކިސްތާނަށް: ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ

Author
އަހުމަދު
19 އޮކްޓޯބަރ 2026 01:52
0

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ (20 އޮކްޓޫބަރު) ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. މިއީ އެގާރަ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސްގެ ދެކަނބަލުންނާއި ކެބިނެޓް ވަޒީރުން ހިމެނޭ ވަފުދުގެ ބައިވެރިވުމާއެކު ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއާ ރައީސް ބައްދަލުކުރައްވާނެއެވެ. އަދި އެގައުމުގެ ޕާލަމެންޓުގެ ރައީސާއި އިސް ވަޒީރުންނާއި، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުގައި އިގްތިސާދު، ސިއްހަތު، ތަޢުލީމު، ދިފާއު، ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ފަދަ ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށެވެ. ސާކަށް އަލުން ދިރުން ގެނައުމާއި، ޔޫއެން އަދި އޯއައިސީގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ދެގައުމު މަޝްވަރާކުރާނެއެވެ.

ވަފުދު މަރުޙަބާކުރުމުގެ ތައްޔާރީތައް ބަލަހައްޓާ ޚާއްސަ ކޮމިޓީގެ ބައްދަލުވުމެއް، ނައިބު ބޮޑުވަޒީރާއި ފޮރިން މިނިސްޓަރު އިސްޙާގު ދާރުގެ ރިޔާސަތުގައި އިއްޔެ ބާއްވާފައިވެއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުއެވެ. އެހެންކަމުން، ދެގައުމުގެ ގުޅުމަށް މިއަހަރު 60 އަހަރު ފުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.