ޕުކެޓުން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓަކަށް ގަދަ ލޮޅުންތަކެއް އަރައި 12 މީހަކަށް އަނިޔާ

ޕުކެޓުން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓަކަށް ގަދަ ލޮޅުންތަކެއް އަރައި 12 މީހަކަށް އަނިޔާ

Author
އަހުމަދު
04 އޮގަސްޓް 2026 07:09
0

ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކަށް ގަދަ ވައިގެ ސަބަބުން ކުއްލި ލޮޅުންތަކެއް އަރައި، 12 މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ފްލައިޓުން ދަތުރުކުރި 10 ފަސިންޖަރުންނާއި ދެ ކުރޫ މެންބަރެކެވެ. ހާދިސާ ހިނގި ވަގުތު ފްލައިޓުގައި ޖުމުލަ 134 ފަސިންޖަރުން ތިއްބެވެ. ބޯޓު ދަތުރުކުރަމުން ދިޔަ އުސްމިނަށް ކުއްލި ބަދަލެއް އައި ނަމަވެސް، ޕައިލެޓް ވަނީ ސަލާމަތާއެކު ދިއްލީގެ އެއާޕޯޓަށް ބޯޓު ޖެއްސުމުގައި ކާމިޔާބު ހޯދާފައެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަމަ މި ދަތުރުމަގުން އިއްޔެ ދަތުރުކުރި ފްލައިޓަކަށް ވެސް މިފަދަ ކުއްލި ލޮޅުންތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ފްލައިޓު ވެސް ސަލާމަތުން ދިއްލީއަށް ޖައްސާފައިވާ ކަމަށެވެ. މިއަދުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާއި، އެންމެންނަށް ވެސް ފަރުވާ ދީފައި ވަނީ އެއާޕޯޓުގައި ހުންނަ މެޑިކަލް ފެސިލިޓީން ކަމަށް އެ އެއާލައިނުން ބުނެއެވެ.

ފްލައިޓުން ދަތުރުކުރި ފަސިންޖަރަކު މީޑިއާއަށް ކިޔައިދިން ގޮތުގައި، ބޯޓު އުދުހެމުން ދަނިކޮށް ކުއްލިއަކަށް ތިރިއަށް ވެއްޓޭ ފަދަ އިހުސާސެއް ކުރެވުނު ކަމަށާއި، އޭނާގެ ބޯ ބޯޓުގެ ސީލިންގައި ޖެހުނު ކަމަށެވެ. ބައެއް ފަސިންޖަރުންގެ ބޯ ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން ވެސް މަށައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. މި ހާދިސާގައި ބޯޓަށް ވެސް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ހާދިސާ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެއާ އިންޑިއާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.