ފަސިންޖަރުން ބަލައި ފާސްކުރަނީ ގާނޫނުގެ އިމުގައި، ރައްޔިތުންގެ ސަލާމަތަށް: ކަސްޓަމްސް

ފަސިންޖަރުން ބަލައި ފާސްކުރަނީ ގާނޫނުގެ އިމުގައި، ރައްޔިތުންގެ ސަލާމަތަށް: ކަސްޓަމްސް

Author
އަހުމަދު
04 އޮގަސްޓް 2026 02:50
0

ރާއްޖެއަށް އެތެރެވާ ފަސިންޖަރުންނާއި މުދާ ބަލައި ފާސްކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.

ވައިގެ ބަނދަރުގެ އެރައިވަލް ޓާމިނަލްގައި މަސައްކަތްކުރާ ކަސްޓަމްސްގެ މުވައްޒަފެއްގެ ފޮޓޯއަކާ އެކު، ފަސިންޖަރުންގެ ގަޔަށް އަތްލައި ފާސްކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި ފަސިންޖަރުން އަދި ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސް ގާނޫނުގެ ދަށުން އެ އިދާރާއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމުގައި މުވައްޒަފުން ދެމިތިބޭނެ ކަމަށް ވެސް ބުންޏެވެ.

އެ ބަޔާނުގައި ވަނީ، ފަސިންޖަރުންނާއި މުދާ ފާސްކުރުމަށް ކަނޑައަޅާފައިވާ ވަސީލަތްތައް ބޭނުންކުރާ ކަމަށާއި، ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ބިނާކޮށް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެ ހާލަތެއްގައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރިއަށް ގެންދާނެ ކަން ފާހަގަކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ، މިފަދަ ޗެކިންގތައް ހިންގަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން އެތެރެވިޔަ ނުދިނުމަށާއި، ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

"ދިވެހިރާއްޖޭގެ ބޯޑަރުގައި މިކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަސްޓަމްސް އިން ގެންދަނީ ކުރަމުން،" ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން، އެ އިދާރާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށާއި، ނުރަނގަޅު ތަސައްވުރެއް އުފެދޭ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.