ހަސީނާގެ ސިޔާސީ ތަގުރީރާ ގުޅިގެން ބަންގްލަދޭޝާއި އިންޑިއާގެ ގުޅުމަށް ނުތަނަވަސްކަން!

ހަސީނާގެ ސިޔާސީ ތަގުރީރާ ގުޅިގެން ބަންގްލަދޭޝާއި އިންޑިއާގެ ގުޅުމަށް ނުތަނަވަސްކަން!

Author
އަހުމަދު
04 އޮގަސްޓް 2026 02:47
0

އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން ހުންނަވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، ނިއު ދިއްލީގައި ހުންނަވައިގެން ސިޔާސީ ތަގުރީރެއް ދެއްވަން ތައްޔާރުވަމުންދާތީ ބަންގްލަދޭޝުން އިންޑިއާއަށް ސީރިއަސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ކަމާ ގުޅިގެން ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ޝާމާ އޮބާދު އިސްލާމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ގާނޫނުގެ ކުރިމަތިން ފިއްލަވައިގެން ހުންނެވި ބޭފުޅަކަށް އިންޑިއާގެ ބިމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދިނުމަކީ ދެ ގައުމުގެ ދެމެދުގައި އަލުން ބިނާވަމުން އަންނަ ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށެވެ. އަދި މި މައްސަލައާ މެދު އިންޑިއާ ސަރުކާރުގެ ސާފު ސްޓޭންޑެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާއާ އެކު ދެމެހެއްޓޭ ގުޅުމެއް އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އެ މަސައްކަތަށް އަސަރުކުރާ ކަހަލަ ކަންކަން ހިނގައިގެންނުވާނެ،" އިސްލާމް ވިދާޅުވި އެވެ.

ހަސީނާއާއި އަވާމީ ލީގުގެ އިސް ބޭފުޅުން އިންޑިއާގައި ތިއްބަވައިގެން ސިޔާސީ ބަޔާންތައް ނެރުއްވަމުން ގެންދެވުމުގެ ކަންބޮޑުވުން ބައެއް ފަހަރު މަތިން އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބުން އިންތިޒާމުކުރާ މި ހަރަކާތުގައި ހަސީނާ ބައިވެރިވެވަޑައިގަންނަވާނީ ވީޑިއޯ ލިންކު މެދުވެރިކޮށެވެ. އޭނާއާ އެކު އޭނާގެ ދަރިކަލުން ސަޖީބް ވާޒިދު ޖޯއީ އާއި އިތުރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ދަރިވަރުން އިސްނަގައިގެން 2024 ވަނަ އަހަރު ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ވެރިކަމުން ބާލައި، ހަސީނާ އިންޑިއާއަށް ފިއްލެވި ފަހުން، ބަންގްލަދޭޝްގެ ކޯޓަކުން ވަނީ 2025 ވަނަ އަހަރު އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަނިޔާވެރި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ކޯޓުން ކަނޑައެޅި އެ ހަމަނުޖެހުންތަކުގައި 1،400 އެއްހާ މީހުން މަރުވި ކަމަށް އދ. އިން ވަނީ އަންދާޒާކޮށްފަ އެވެ.

ނަމަވެސް ހަސީނާ ވިދާޅުވަނީ އެ ހުކުމަކީ ސައްހަ ހުކުމެއް ނޫން ކަމަށާއި، މި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ ހަސީނާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ސަރުކާރުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.