ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން ބިނާކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އެ ކުންފުންޏަށް ދިމާވި ހަގީގީ ދަތިތަކެއްގެ ސަބަބުން ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، މިސްކިތް ބިނާކުރުމުގެ އިދާރީ މަސައްކަތާއި ޑިޒައިނާ ގުޅިގެން، މަސައްކަތް ކުރިއަށްގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައާއި އެކި ތަންތަނުގައި އެ ކުންފުނި ކުށްވެރިކޮށް ވާހަކަދައްކާއިރު، ވަޒީރެއްގެ ހައިސިއްޔަތުން މަޝްރޫއު ދިރާސާކުރެއްވުމުން ފެންނަން އޮތީ ހަގީގީ ދަތިތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެޗްޑީސީއާއި އެހެނިހެން އިދާރާތަކާ މަޝްވަރާކޮށް، ކުރިމަތިވި ގޮންޖެހުންތަކަށް މިހާރު ހައްލު ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން ޑިޒައިންގެ މައްސަލައާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، ކުރީގައި ޑިޒައިން ކުރެވިފައި އޮތް ގޮތުން މިސްކިތުގެ ގުއްބު ބިނާކުރަން ޖެހެނީ ގާތްގަނޑަކަށް މުޅި އިމާރާތް އެއްކޮށް ކަމަށާއި، އެގޮތަށް ބިނާކޮށްފި ނަމަ ކުރިން ވަށް މިސްކިތަށް ދިމާވި ފަދަ މައްސަލައެއް ކުރިމަތިވުމުގެ ބިރު އޮތް ކަމަށެވެ. އެހެންކަމުން، އިންޖިނޭރުންގެ އާ ނަޒަރިއްޔާތަކާ އެކު ޑިޒައިނަށް ބަދަލުތަކެއް ގެންނަވައި، މިހާރު އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މަޝްރޫއު ނިންމައި މިސްކިތް ހުޅުވުމަކީ ސަރުކާރުގެ ޢަޒުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހިޔާ ފްލެޓުތައް ކައިރީ ސަލާޙުއްދީން ސްކޫލާ ޖެހިގެން އޮންނަ ބިމުގައި މި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި މިސްކިތް ބިނާކުރަން އެ ކުންފުންޏާ ހަވާލުކުރީ، މާލޭގެ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭއާ އެކު ހަދާފައި އޮތް އެއްބަސްވުން ބާޠިލުކުރުމުން ބަދަލެއްގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކުރީ ސަރުކާރާ އެކު ވެވުނު ސެޓްލްމަންޓް އެގްރީމެންޓެއްގެ ދަށުންނެވެ.
އެއްބަސްވުމުގައި މަސައްކަތް ނިންމަން ކަނޑައެޅި 420 ދުވަހުގެ މުއްދަތު ފާއިތުވެ ތިން އަހަރު ފުރިގެންދިޔައިރުވެސް މިސްކިތުގެ މަސައްކަތް ނުނިމެއެވެ. މިސްކިތުގެ ސައިޓް، އެސްޖޭ އިން ގެންނަ މުދާ ބަހައްޓާ ތަނަކަށް ބޭނުންކުރަމުންދާތީއާއި މަސައްކަތް ދިގުލައިގެންދާތީ އާންމުންގެ ފާޑުކިޔުން އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ. މަސައްކަތް ނިންމުމަށް އެންމެ ފަހުން އެ ކުންފުންޏަށް ދިން ސުންގަޑިއަކީ މިދިޔަ ޑިސެމްބަރު މަހެވެ.
ކޮމެންޓު ފޮނުވާ