މުދަލުގެ އަގުތައް އުފުލެމުންދަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ޗާޕުކުރި 8 ބިލިއަން ރުފިޔާއާއި އެ ސަރުކާރުން ދޫކޮށްފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުން ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ އިންސްޓަގްރާމް މެދުވެރިކުރައްވައި ޢާންމުކުރެއްވި ވީޑިއޯއެއްގައި، އަންނަ އޮގަސްޓު 12 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުންދާ މުޒާހަރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މުޒާހަރާގެ ބަހަނާއެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމުގެ ދޮގު ވާހަކަތައް ކަމަށެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުން މިފަދަ ވާހަކަތައް ފަތުރަނީ ޤައުމުގެ ހަމަޖެހުން ނަގައިލުމުގެ ނިޔަތުގައި ކަމަށް ތުހުމަތުކުރައްވަމުން ސަޢީދު ވިދާޅުވީ، އެމްޑީޕީން ނެރެފައިވާ އަގުތަކުގެ ލިސްޓުގައި ހިމެނޭ ތުއްތު ކުދިންގެ ކިރާއި، ގެރިމަހާއި، އޮލިވް އޮއިލް ފަދަ ތަކެތީގެ އަގުތައް ހުރީ މުޅިން ނުބައިކޮށް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އަޅާކިޔައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ އަގު ހުރީ ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ. ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް ހުރިއިރު، އިންޑިއާގައި 18 ރުފިޔާއަށް އަދި ދުބާއީގައި 14 ރުފިޔާއަށް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޑީސަލް ލީޓަރެއް ރާއްޖޭގައި 17.54 ރުފިޔާއަށް ލިބެން ހުރިއިރު، ސިންގަޕޫރުގައި އެ އަގު އުޅެނީ 41.63 ރުފިޔާގައި ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން އިޤުތިޞާދު ކޮޅަށްޖެހުމަށް މިއަދު ކުރަމުންދާ މަސައްކަތްތަކަކީ އެމްޑީޕީ ސަރުކާރުން ޗާޕުކުރި 8 ބިލިއަން ރުފިޔާއާއި، އުފައްދާފައިވާ ބޮޑެތި ދަރަނިތަކުގެ ގޮންޖެހުންތަކާ އެކުގައި ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ބަންކަރިންގެ ޚިދުމަތާއި، ރެސިޑެންސީ ވިސާއާއި، ބޮޑެތި އިންވެސްޓްމަންޓްތަކާއި، ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ އިދިކޮޅު ފަރާތްތަކުން އެދޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ، އެމްޑީޕީން މަސައްކަތްކުރަމުންދަނީ ދޮގު ވާހަކަތައް އުފައްދައި ފަތުރައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސަރުކާރުން ހިންގަން މަސައްކަތްކުރާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ