އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންދަން އިނގިރޭސި އެފްއޭއިން ނިންމައިފި

އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންދަން އިނގިރޭސި އެފްއޭއިން ނިންމައިފި

Author
އަހުމަދު
03 އޮގަސްޓް 2026 08:47
0

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ދީފައިވާ ތާއީދު އަނބުރާ ގެންދިއުމުގެ ގޮތުން ސިޓީއެއް ފޮނުވުމުގެ މަސައްކަތް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ)އިން ފަށައިފިއެވެ.

މިގޮތަށް އެފްއޭއިން ނިންމީ، ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި ވަކި ކޮމާޝަލް ކުންފުންޏެއް އުފައްދައި، އޭގެ ކުޑަ ހިއްސާއެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކުރިމަތިވި ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. މި މަޝްރޫއުގެ މައި އިންވެސްޓަރަކަށް ވާނެ ކަމަށް ބެލެވިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖޯޝުއާ ކުޝްނާގެ ކުންފުނި "ތްރައިވް" އެވެ.

ފީފާގެ މެމްބަރު 211 އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި، މި ހުށަހެޅުމަށް ތާއީދުކޮށްފި ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ހުށަހެޅުމާ ދެކޮޅަށް ޔޫރަޕާއި، އުތުރު އަދި މެދުތެރޭ އެމެރިކާ އަދި ކެރީބިއަންގެ ފުޓްބޯޅަ އިދާރާތަކުން ފާޅުކަން ބޮޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރި އެވެ.

އިނގިރޭސި އެފްއޭގެ ކުރިން ވޭލްސްއިން ވެސް ވަނީ ފީފާގެ ރައީސް ކަމުގައި ދެމިހުންނެވުމަށް އިންފަންޓީނޯ ކުރައްވާ މަސައްކަތަށް ދީފައިވާ ތާއީދު އަނބުރާ ގެންގޮސްފައެވެ. އަދި ޔުއެފާއިން ވަނީ މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، މި މަޝްރޫއާ ގުޅުންހުރި އެންމެހައި މުއާމަލާތްތަކާއި، އީމެއިލްތަކާއި، މެސެޖުތަކާއި، ބައްދަލުވުންތަކުގެ ނޯޓުތައް ނައްތާނުލައި ރައްކާތެރިކޮށް ބެހެއްޓުމަށް އިންފަންޓީނޯއަށް އަންގައި ސިޓީ ފޮނުވާފައެވެ. މި ސިޓީއަށް ލިޔުމުން ޖަވާބުދީ، ލިޔެކިއުންތައް ރައްކާތެރިކޮށްފައިވާ ކަން ކަށަވަރުކޮށްދިނުމަށް ޔުއެފާއިން ފަސް ދުވަހުގެ މުއްދަތެއް ވެސް ވަނީ ދީފައެވެ.

މިހުރިހާ ފިއްތުންތަކާ އެކުވެސް، ގަތަރާއި، ލުބުނާނާއި، ކުވެއިތާއި، ސްރީލަންކާ ފަދަ ގައުމުތަކުން ދަނީ އިންފަންޓީނޯއަށް ތާއީދު ކުރާ ކަން ހާމަކުރަމުންނެވެ. ނަމަވެސް ފީފާ ކައުންސިލްގެ 37 މެމްބަރުންގެ ތެރެއިން 19 މެމްބަރުން އެދިއްޖެ ނަމަ ކުއްލި ބައްދަލުވުމެއް ބޭއްވޭނެ ކަމަށްވުމުން، އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރުމަށް ޔޫރަޕުގެ ގައުމުތަކުން މި މަގު ބޭނުންކޮށްފާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.