އައްޑޫ ލިންކު ރޯޑު ރަނގަޅު ފެންވަރެއްގައި މަރާމާތުކުރުމަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރެއްގެ ސުވާލަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ ލިންކު ރޯޑަކީ މިހާރު ވަރަށް ހާލުގައި އޮތް، ކޮންމެހެންވެސް ހަދަންޖެހިފައިވާ މަގެއް ކަމަށެވެ. އެ މަގު އެކަނިވެސް ރަނގަޅު ފެންވަރެއްގައި ހެދުމަށް ސަރުކާރުގެ އަންދާޒާއަކީ 400 މިލިއަނެއްހާ ރުފިޔާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
ޚަރަދު ވީހާވެސް ކުޑަކުރުމުގެ ބޭނުމުގައި ސަރުކާރުން މެޝިނަރީ ހޯދައި، މިހާރު އެ މަޝްރޫޢު ސީދާ ކޮސްޓް ޕްރައިޒްގައި ކުރިއަށް ގެންދިޔުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގު ސާފުކުރުމުގެ މަސައްކަތްކަން މުއްޠަލިބު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އައްޑޫ ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި އޮތް ފަސޭހަ މަގެއް ކަމަށާއި، އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދުމުގެ ގޮތުން ލިންކު ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށްވެސް ސަރުކާރުން ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެހެން މަގުތަކުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް އާރްޑީސީގެ ދަށުގައި ބާއްވައި، ހަމައެކަނި ލިންކު ރޯޑުގެ ތާރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ފުރުޞަތު އޮތްކަން މުއްޠަލިބު ފާހަގަކުރެއްވިއެވެ.
އައްޑޫ ލިންކު ރޯޑަކީ 2003 ވަނަ އަހަރު ބޭނުންކުރަން ފެށި މަގެކެވެ. ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން މަރާމާތުކުރި ނަމަވެސް، މިހާރު އެ މަގު ވަނީ ބޭނުންކުރަން ދަތި ފެންވަރަކަށް ގޮސްފައެވެ. އައްޑޫގެ ބޮޑު އާބާދީއެއް 24 ގަޑިއިރު ބޭނުންކުރާ އެ މަގުގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބައެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.
ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ