މާލޭގެ މަގުތައް ކުނިގޮނޑަކަށްވަނީ ވެމްކޯގެ އިހުމާލުން: އާޒިމް

މާލޭގެ މަގުތައް ކުނިގޮނޑަކަށްވަނީ ވެމްކޯގެ އިހުމާލުން: އާޒިމް

Author
އަހުމަދު
03 އޮގަސްޓް 2026 11:07
0

މާލޭގެ ގޭގެއިން ނެރޭ ކުނިތައް މަގުމައްޗަށް އުކަން ޖެހިފައިވަނީ ވެމްކޯއިން އެ ކުންފުނީގެ ޒިންމާ އަދާނުކުރެވޭތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ގޭބިސީތަކުން ކުނި ނެގުމުގެ ހާއްސަ ޒިންމާ މަތިކޮށްފައި އޮތް ވެމްކޯއިން އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ ކަމަށާއި، އެ ސަބަބާ ހުރެ ރައްޔިތުންނަށް ޖެހިފައިވަނީ ކުނިތައް މަގުމައްޗަށް ނެރެން ކަމަށެވެ.

ކުނިގޮނޑުގައި ރޯވުން ފަދަ ހާދިސާތައް ކުރިމަތިވުމުން ގެތަކުން ކުނި ނުނެގޭނެ ކަމަށް ބުނެ ބަހަނާ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ބެކަޕް ޕްލޭނެއް ވެމްކޯގައި އޮންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކައުންސިލްތައް އުފެދިގެން އައި އިރުގައި ވެސް ވެމްކޯ އޮތީ އުފެދިފައި. އެހެން ނަމަވެސް ވެމްކޯއިން ވަނީ އެ މީހުންގެ ޒިންމާތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައި. އެ ކުންފުނިން އަދާކުރަން ޖެހޭ އެއްވެސް ޒިންމާއަކަށް އަޅައިނުލާ. އެހެންވެ ގޭގެއިން މަގުމައްޗަށް ކުނި އަޅަނީ،" އާޒިމް ވިދާޅުވިއެވެ.

ވެމްކޯއިން ކުރާ ހަމައެކަނި މަސައްކަތަކީ އެ ކުންފުނީގެ ޒިންމާ އަދާނުކޮށް ކޮންމެވެސް ބައެއްގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުން ކަމަށާއި، ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން އެއްބަޔަކު އަނެއްބައެއް ބަދުނާމު ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ވެސް މޭޔަރު ސިފަކުރެއްވިއެވެ.

މާލެ ސާފުތާހިރު ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، ކޮންމެ ދުވަހަކު ހެނދުނު ކައުންސިލްގެ މުވައްޒަފުން ނުކުމެ މާލޭގެ މަގުތައް ކުނިކަހައި ސާފުކުރަމުންދާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައި ނުވުމުން، އެ ސަރަހައްދު ސާފުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގެ ގެތަކުން ކުނި ގެންދިއުމަށް ވެމްކޯއަށް ގުޅުމުން، ބައެއް ފަހަރު ހަފްތާއެއް ފަހުން ނޫނީ ކުނި ނުނެގޭނެ ކަމަށް އެ ކުންފުނިން ޖަވާބުދޭ ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް ވެމްކޯގެ އިސްވެރިންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ސިޓީ ފޮނުވައި، ފޯނުން ގުޅައި މަސައްކަތް ކުރި ނަމަވެސް، އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިންމާ އަދާނުކުރެވޭ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެންޑޭޓަކީ މާލެތެރެ ބެލެހެއްޓުން ކަމަށްވާއިރު، ވެމްކޯއިން ޒިންމާ އަދާނުކުރެވޭތީ މަގުމައްޗަށް ނެރެފައި ހުންނަ ކުނިތައް އުކާލުމުގެ ބުރަ ވެސް އުފުލަން ޖެހިފައިވަނީ ކައުންސިލަށް ކަމަށާއި، އެ ކަމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.