އަމީނީ މަގުގެ ސެގްމަންޓް އެކެއް މަރާމާތަށް؛ މިރޭ 12 އިން ފެށިގެން ދަތުރުފަތުރަށް ބަންދު

އަމީނީ މަގުގެ ސެގްމަންޓް އެކެއް މަރާމާތަށް؛ މިރޭ 12 އިން ފެށިގެން ދަތުރުފަތުރަށް ބަންދު

Author
އަހުމަދު
02 އޮގަސްޓް 2026 08:22
0

އަޑިގުޑަން ހެދި ބޮޑަށް ހަލާކުވެފައިވާ އަމީނީ މަގުގެ ސެގްމަންޓް އެކެއްގެ މަރާމާތުގެ މަސައްކަތް މިރޭ ދަންވަރު 00:00 ގައި ފަށާނެ ކަމަށާއި، އެ ސަރަހައްދު ދަތުރުފަތުރަށް ބަންދު ކުރާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މިދިޔަ ސަރުކާރުގައި އާރުޑީސީން ތާރުއަޅައި ނިންމި އަމީނީ މަގުގެ ބޮޑު ބައެއް މާގިނަ ދުވަހެއް ނުވަނީސް ވަނީ ހަލާކުވެ، އުޅަނދުފަހަރު ދުއްވުމަށް ދަތިވެފައެވެ. މާފަންނު ސްޓޭޑިއަމުން ހުޅަނގަށް އޮންނަ ބައި ވަނީ ވަކިން ބޮޑަށް އަޑިގުޑަން ހެދި، ދުއްވާ މީހުންނަށް ބޮޑު ތުރާލަކަށް ވެފައެވެ.

އެމްޓީސީސީން ބުނިގޮތުގައި، މި މަރާމާތުގެ މަސައްކަތާ ގުޅިގެން އިއްޒުއްދީން މަގާ ދިމާވާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެއެވެ. މި ބަދަލާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

އާރުޓީއެލް ބަހުގެ ޚިދުމަތަށްވެސް މީގެ ސަބަބުން ބަދަލުތަކެއް އަންނާނެއެވެ. މީގެ ތެރެއިން، އޯކިޑް ރޫޓްގެ ބަސްތައް ދެން މަޑުކުރާނީ ދަރުމަވަންތަ ބަސް ހުއްޓީގެ ބަދަލުގައި ވެސްޓްޕާކު ބަސް ހުއްޓިއަށެވެ. މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރާއި، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް އެ ރޫޓްގެ ބަހެއް މަޑެއް ނުކުރާނެއެވެ. މީގެ އިތުރުން، އަމީނީ ރޫޓްގެ ބަހުގެ ޚިދުމަތް މުޅިން މެދުކެނޑޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަދި R7، R3، R1 އަދި R15 ރޫޓުތަކުގެ ބަސްތައް މާލޭގައި މަޑުކުރާނެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ދެން ހަމަޖެހިފައި އޮންނާނީ މާފަންނު ބަސް ޓާމިނަލެވެ. މި ރޫޓްތަކުން ފުޑްކޯޓް، ދަރުމަވަންތަ އަދި ވެސްޓްޕާކު ބަސް ހުއްޓިއަށް ދެން ޚިދުމަތެއް ނުދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.