ދައުލަތުގެ އާމްދަނީގެ 60 އިންސައްތަ ޚަޒާނާއަށް ޖަމާވެއްޖެ

ދައުލަތުގެ އާމްދަނީގެ 60 އިންސައްތަ ޚަޒާނާއަށް ޖަމާވެއްޖެ

Author
އަހުމަދު
02 އޮގަސްޓް 2026 04:08
0

މިއަހަރަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ދައުލަތަށް ލިބިއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން، މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތަށް 24.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި 40.4 ބިލިޔަން ރުފިޔާގެ 59.7 އިންސައްތައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 10.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މިކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2 ބިލިޔަން ރުފިޔާ އިތުރުވެ، މިހާރު ވަނީ 18.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެތެރެއިން އެންމެ ބޮޑު ޙިއްޞާއެއް ޖީއެސްޓީން ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި އެކަނިވެސް 10 ބިލިޔަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރު ލިބުނު 9.1 ބިލިޔަން ރުފިޔާއަށްވުރެ 878.5 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީއެސްޓީން 3.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން 6.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޓީޖީއެސްޓީގެ އާމްދަނީ 8 އިންސައްތަ ނުވަތަ 507.2 މިލިޔަން ރުފިޔާ އިތުރުވެފައިވާއިރު، ފާއިތުވި ހަފުތާ ތެރޭގައި އެންމެ ބޮޑަށް އިތުރުވި އާމްދަނީއަކީވެސް މިއެވެ.

ނަމަވެސް ޚަރަދު ކުރަމުންދާ މިންވަރު ވެސް ވަނީ ފާހަގަކުރެވޭ ވަރަކަށް އުފުލިފައެވެ. މި މުއްދަތުގައި ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމުލަ 25.5 ބިލިޔަން ރުފިޔާއަށް އަރައި، ފާއިތުވި އަހަރާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިޔަން ރުފިޔާ ވަނީ އިތުރުވެފައެވެ. މާލީ ވުޒާރާއިން ބުނާގޮތުގައި މިއީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ޞިއްޙީ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރިގޮތުގައި ކުރަމުންދާ ޚަރަދުތަކުގެ ނަތީޖާއެވެ.

މުސާރައާއި އުޖޫރައާއި ޕެންޝަނަށް 8.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރަށްވުރެ 9.5 އިންސައްތަ ނުވަތަ 739.7 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. މާލީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ކުރިއެރުމަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސަރުކާރު މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން އައި ބަދަލެކެވެ. މީގެ އިތުރުން އާސަންދައަށް 1.2 ބިލިޔަން ރުފިޔާ ޚަރަދުކުރެވި، މިއީވެސް 14.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ބޮޑަށް އުފުލިފައިވަނީ ސަބްސިޑީއަށް ކުރާ ޚަރަދެވެ. ސަބްސިޑީގެ ޚަރަދު 79 އިންސައްތަ އުފުލި 3.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.8 ބިލިޔަން ރުފިޔާއަށްވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު ޢަދަދެކެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވުމެވެ.

ޖުމުލަކޮށް ބަލާއިރު، ޖުލައި 23ގެ ނިޔަލަށް 1.5 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ދައުލަތަށް ލިބިފައިވެއެވެ. ނަމަވެސް އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.