އަމާން ޓަވަރުތައް ސާފުކުރުމަށް 9 މަހުގެ ތެރޭ 13.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

އަމާން ޓަވަރުތައް ސާފުކުރުމަށް 9 މަހުގެ ތެރޭ 13.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

Author
އަހުމަދު
02 އޮގަސްޓް 2026 04:08
0

އަމާން ޓަވަރުތަކުގެ އާންމު ސަރަޙައްދުތައް ސާފުކުރުމަށާއި ކުނި ނައްތާލުމަށް، މިދިޔަ 9 މަސްދުވަހުގެ ތެރޭގައި 13.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެ ޓަވަރުތަކުގެ އާންމު ސަރަޙައްދުތަކުން ޖުމްލަ 5،040 ޓަނުގެ ކުނި ވަނީ ނައްތާލާފައެވެ. މީގެ ތެރެއިން 3،178 ޓަނުގެ ކުނި ނައްތާލީ އޮކްޓޯބަރު މަހުން މާރިޗު މަހުގެ ނިޔަލަށެވެ. އަދި މޭއި މަހުން ޖޫން މަހުގެ ނިޔަލަށް ބާކީ 1،862 ޓަނުގެ ކުނި ވަނީ ނައްތާލާފައެވެ. މީގެ އިތުރުން، އެއް ޓަނަކީ 133 ކޮތަޅު ނުވަތަ އެއާ އެއްވަރުގެ މިންވަރެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ޚަރަދުތަކުގެ ތަފްޞީލަށް ބަލާއިރު، އޮކްޓޯބަރު މަހުން މާރިޗު މަހުގެ ނިޔަލަށް 8.45 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭޕްރިލް މަހު އެކަނިވެސް ވަނީ 75،100 ރުފިޔާ ޚަރަދުކޮށްފައެވެ. އަދި މޭއި މަހުން ޖޫން މަހުގެ ނިޔަލަށް 4.95 މިލިޔަން ރުފިޔާ މި މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށް އެފްޑީސީން މަޢުލޫމާތު ދެއެވެ. މި ޚަރަދުތައް ޖުމްލަކޮށްލުމުން، 9 މަހުގެ ތެރޭގައި މި މަސައްކަތަށް ހިނގާފައިވާ ޖުމްލަ ހޭދަ 13.5 މިލިޔަން ރުފިޔާއަށް އަރައެވެ.

އެފްޑީސީން ބުނާ ގޮތުގައި، ކުނި ނައްތާލުމުގެ މަސައްކަތަށް މިހާ ބޮޑު ހޭދައެއް ކުރަން ޖެހިފައިވަނީ، އާންމު ސަރަޙައްދުތަކަށް އެކި ބާވަތުގެ ކުނި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އުކާލުމުގެ ސަބަބުންނެވެ. މީގެ ސަބަބުން އެ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން އިތުރުވެފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެހެންކަމުން، މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ޚަރަދު ކުޑަކޮށް، ދިރިއުޅެން ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.