އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ޝަޒްހަތު ލަތީފް މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، މާލީ ދާއިރާގެ ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ޝަޒްހަތު ވަނީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގައި ބަޖެޓް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
ދައުލަތުގެ މާލީ ނިޒާމުގައި ޝަޒްހަތު ފުރިހަމަކުރައްވާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަހަރީ ބަޖެޓު އެކުލަވާލެއްވުމާއި، ބޭސްލައިން ބަޖެޓު ވަޒަންކުރެއްވުމާއި، ދައުލަތުގެ ޚަރަދުތައް ދިރާސާ ކުރެއްވުމާއި، ބަޖެޓު ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ފިސްކަލް ރިސްކް އެސެސްމަންޓް ހެއްދެވުމާއި، ސަރުކާރުގެ ތަފާތު އިދާރާތަކަށް ބަޖެޓާ ގުޅޭ ފަންނީ އިރުޝާދު ދެއްވުމުގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގަންނަވައެވެ.
ދައުލަތުގެ މާލީ ހާލަތު ދިރާސާކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ ދައުލަތުގެ މުހިންމު ލިޔުންތައް ތައްޔާރު ކުރެއްވުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޝަޒްހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ޑިގްރީ ވެސް އޭނާ ފުރިހަމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ