އާންމު އުނދަގޫ ކުރި ކަމުގެ ތުހުމަތުގައި މާލެއިން އަންހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ރ. އިންނަމާދޫއަށް ނިސްބަތްވާ 33 އަހަރުގެ އަންހެނެކެވެ. އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބަންދު މަޖިލީހުގައި އިންކާރުކޮށްފައެވެ. ނަމަވެސް، އޭނާ ކޮށްފައިވާ ކަމެއްގެ ތަފުސީލެއް ބަންދު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
އާންމު އުނދަގޫ ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި، އަރާމާއި، ސިއްހަތަށް ނުވަތަ އިޖުތިމާއީ ސުލްހަވެރިކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ އަމަލުތަކެވެ.
ޤާނޫނު އުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން އާންމު އުނދަގޫ ކުރުމުގެ ތެރޭގައި، އާންމު ތަނެއްގައި ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގަދައަށް އަޑުގަދަކުރުމާއި، ލަވަޖެހުމާއި، ދަތުރުފަތުރާއި ހިނގާބިނގާވެއުޅުމަށް ހުރަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. އަދި އާންމު މަގުތަކާއި ގޯޅިތަކުގައި ތަކެތި ބަހައްޓައިގެން މީހުންނާއި އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ހުރަސްއެޅުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ޤާނޫނު އުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުކުރުމުގެ ތެރޭގައި، އާންމު ތަނެއްގައި މާރާމާރީ ހިންގުމާއި، ހުތުރު ބަހުން ވާހަކަދައްކައި އިންޒާރު ދިނުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށަށް ދެވޭ އަދަބުތަކުގެ ތެރޭގައި ޖަލަށްލުމާއި، ޖޫރިމަނާ ކުރުމާއި، މުޖުތަމައަށް ޚިދުމަތްކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ