ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން އުފެއްދި އައިޑީއެސްގެ ބޯޑަށް ނަޒުލީނާ އައްޔަންކޮށްފި

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން އުފެއްދި އައިޑީއެސްގެ ބޯޑަށް ނަޒުލީނާ އައްޔަންކޮށްފި

Author
އަހުމަދު
02 އޮގަސްޓް 2026 04:10
0

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ ބޯޑަށް، ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މަރްޔަމް ނަޒުލީނާ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާދިއްތަ ދުވަހު ބުނީ، ދަފްތަރު ނަންބަރު ރސ 8557، މަރްޔަމް ނަޒުލީނާ އެ ކުންފުނީގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް އައްޔަންކުރީ 30 ޖުލައި 2026 ގައި ކަމަށެވެ.

އައިޑީއެސް އަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާއިރު، މި ކުންފުނި އުފެއްދެވީ 30 މެއި 2025 ގައި ރައީސް މުއިއްޒު ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުންނެވެ. ސަރުކާރުން ހަރަދު ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުންދާ މި ދަނޑިވަޅުގައި ކުންފުނީގެ ބޯޑަށް އައު މެންބަރަކު އައްޔަންކުރި ނަމަވެސް، ނަޒުލީނާ އަކީ މާލީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލެވެ އެވެ.

ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ނަޒުލީނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. މީގެ އިތުރުން، ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ އޭނާ ވަނީ ހޯއްދަވާފަ އެވެ. އަދި ސެޕް އެފްއައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ވެސް ނަޒުލީނާ ވަނީ ތަމްރީނު ކުރައްވާފަ އެވެ.

ދައުލަތުގެ މުއައްސަސާތަކުގައި ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރެއްވުމުގެ މަސައްކަތްތަކުގައި ބޮޑު ދައުރެއް އަދާކުރެއްވި ނަޒުލީނާ ވަނީ އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި ވެސް މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފަ އެވެ.

ތައުލީމީ ގޮތުން ބަލާއިރު، ނަޒުލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.