ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ހުއްދަނެތި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ހުށަހެޅި 4 މިލިއަން ޑޮލަރުގެ ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
2023 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުވާކުރި ފަރާތުން ބުނާ ގޮތުގައި، އޭނާ ޓްރީޓޮޕަށް ދިޔައީ ޓޮންސިލްގައި އުފެދުނު އިންފެކްޝަނަކަށް ފަރުވާ ހޯދުމަށެވެ. ޓޮންސިލް ނެގުމުގެ އޮޕަރޭޝަން ކުރިޔަށްދިޔަ ވަގުތު، އޭނާގެ އެއްވެސް ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށް އޭނާ ބުނެ އެވެ. މިކަން އޭނާއަށް އެނގުނީ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮއްވަ އެވެ.
އެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލުން ދޫކުރި ޑިސްޗާޖް ސަމަރީގައި ކުޑަދޫ ބުރިކޮށްލި ވާހަކަ ހިމަނާފައެއް ނުވެ އެވެ. އޭގައި ބަޔާންކޮށްފައި އޮތީ ހަމައެކަނި ޓޮންސިލް ނެގުމުގެ އޮޕަރޭޝަންގެ ތަފުސީލެވެ. އެކަމާ ގުޅޭ ސުވާލުތައް ކުރުމުން، ކުޑަދުލުގެ އޮޕަރޭޝަނުގެ މައުލޫމާތު ލިޔެދެވޭނީ އެ އޮޕަރޭޝަނުގެ ފީ ދެއްކުމުން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށްވެސް ދައުވާގައިވެ އެވެ.
މި ހާދިސާގެ ސަބަބުން ޖިސްމާނީ އަދި ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 1،080،000 ދިވެހި ރުފިޔާއާއި 4 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޯދުމަށް އޭނާ ސިވިލް ކޯޓުގައި އެދިފައިވެ އެވެ.
އެހެންނަމަވެސް ދިފާއުގައި ޓްރީޓޮޕުން ވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ބޭރުން ކަމަށްވާތީ، މައްސަލަ ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތްކަމަށް ބުނެފަ އެވެ. ސިވިލް ކޯޓުން ވެސް ނިންމީ އެ ގޮތަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތަކާ ގުޅޭ ޝަކުވާއެއް އޮތްނަމަ، އެންމެ ފުރަތަމަ އެ ޝަކުވާ ހުށަހަޅަންޖެހޭނީ އެ ހޮސްޕިޓަލަކަށް ކަމަށެވެ. ހޮސްޕިޓަލުގެ ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ، ދެން މައްސަލަ ހުށަހަޅަންޖެހޭނީ ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސަށެވެ. އެ ނިންމުމާމެދު ވެސް ހިތްހަމަނުޖެހޭނަމަ، އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މި އިޖުރާއަތުތައް ފުރިހަމަނުވާތީ ސިވިލް ކޯޓުން ދައުވާ ބޭރުކޮށްލި ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން ވަނީ ސިވިލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހި، މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ