ސްރީލަންކާގެ މަހާރާ ޖަލުގައި އުފެދުނު ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، ހުރިހާ ގައިދީން ގޮޅިތަކަށް ވައްދާފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.
ނަމަވެސް، މަހާރާ ސަރަހައްދަށް އިޢުލާނުކޮށްފައިވާ ކާފިއު، ވަކި ގޮތެއް އަންގަންދެން ދެމިއޮންނާނެ ކަމަށް ލަންކާ ފުލުހުން މިއަދު ހެނދުނު ވަނީ ބުނެފައެވެ.
މި ހަމަނުޖެހުން އުފެދުނީ އިއްޔެ ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. ހަމަނުޖެހުމުގައި ހަތް ގައިދީއަކަށް އަނިޔާވެގެން ރާގަމަ ޓީޗިންގ ހޮސްޕިޓަލުގައި ފަރުވާ ދިންއިރު، އޭގެ ތެރެއިން އެކަކު ވަނީ ފަހުން މަރުވެފައެވެ. މަސްލަހަތު ގާއިމުކުރުމަށްޓަކައި ލަންކާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސް.ޓީ.އެފް)، ސްރީލަންކާ އަސްކަރިއްޔާ އަދި ފުލުހުން ވަނީ ސަރަހައްދަށް ނެރެފައެވެ. މީގެ އިތުރުން، ސްރީލަންކާ އެއަރ ފޯސްއިން ބެލް 412 މަރުކާގެ ހެލިކޮޕްޓަރަކާއި ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން ހާލަތު މޮނިޓަރކޮށްފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ހަމަނުޖެހުމުގެ ތެރޭގައި ގައިދީން ވަނީ ޗީފް ޖެއިލަރގެ އޮފީހާއި ޖަލުގެ ޑިސިޕްލިނަރީ ޑިވިޜަންގައި ރޯކޮށްލާފައެވެ. ގައިދީންނާ ބައްދަލުކުރުމަށް އިއްޔެ ޖަލަށް ދިޔަ އާއިލާތަކުގެ މީހުންނަށް ޖަލަށް ވަނުން މަނާކުރުމުން، އެ މީހުން ޖަލުގެ ބޭރަށް އެއްވި އެއްވުމުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެއެވެ.
މަހާރާ ޖަލުގައި މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހު ނިގަންބޯ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 26 މީހުން މަރުވެފައި ވަނިކޮށެވެ. ސްރީލަންކާގެ ޖަލުތަކުގައި ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައި ބައިތިއްބާތީ ޖަލުތަކުގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރެވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، 10،000 މީހުންގެ ޖާގައިގެ ޖަލުތަކުގައި 40،000 މީހުން ބަންދުކޮށްފައި އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ