މެދުއިރުމަތީގެ 11 ގައުމެއްގައި ތިބި އެމެރިކާގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެ ގައުމުތަކުން ފޭބުމަށް، އެ ގައުމުތަކުގައި ހުންނަ އެމެރިކާ އެމްބަސީތަކުން ހުކުރު ދުވަހު އަންގައިފިއެވެ.
އެމެރިކާގެ ސެކިއުރިޓީ އެލާޓް ނެރެފައިވަނީ، ބަހްރޭން، މިސްރު، އިރާގު، އިސްރާއީލް، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ތިބި ރައްޔިތުންނަށެވެ. މި އެލާޓްގައި ބުނެފައިވަނީ ސަރަހައްދީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ވަގުތުން ފުރޭނެ ގޮތަށް ތައްޔާރުވެގެން ތިބުމަށާއި، މިހާރު ދަތުރުކުރަމުންދާ ވިޔަފާރި އެއާލައިންތަކުގެ ފްލައިޓްތަކުގައި ވީ އެންމެ އަވަހަކަށް އެ ގައުމުތަކުން ފޭބުމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ، ސަރަހައްދުގެ ވައިގެ މަގުތައް ކުއްލި ގޮތަކަށް ބަންދުވެ، ފްލައިޓްތައް ކެންސަލްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސިފަކޮށްފައެވެ. އެހެންކަމުން، މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މެދުއިރުމައްޗަށް ނުދިއުމަށް ބޭރު ގައުމުތަކުގައި ތިބި އެމެރިކާ ރައްޔިތުންނަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި ފުރުމުގެ ކުރިން ފްލައިޓްގެ ސްޓޭޓަސް އެއާލައިނާ ގުޅައިގެން ޔަގީންކުރުމަށާއި، ކުއްލި ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކުރުމުގެ ގޮތުން، ސްޓޭޓް ޑިޕާޓްމަންޓުގައި ރަޖިސްޓްރީވުމަށްވެސް ވަނީ އެދިފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އެލާޓްތަކުން އެނގިގެންދަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މުޅި ސަރަހައްދުގެ ހާލަތު ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ މިންވަރަށް ނުތަނަވަސްވެފައި އޮތްކަމެވެ.
ކޮމެންޓު ފޮނުވާ