އިންޑިއާގެ 80 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

Author
އަހުމަދު
01 އޮގަސްޓް 2026 11:27
0

އިންޑިއާގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގައި 58 މީހުން ލޭ ހަދިޔާކޮށްފިއެވެ.

ހުޅުމާލޭ އޮރެންޖު ހިޔާގައި ކުރިއަށްގެންދިޔަ މި ކޭމްޕަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި އޯވަރސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި ކޭމްޕެކެވެ. މި ކޭމްޕުގައި ލޭ ހަދިޔާކޮށްފައިވަނީ މާލެ ސަރަހައްދުގައި މަސައްކަތްކުރަމުންދާ އިންޑިއާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

ކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޯވަރސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ހިތްވަރު ދިނުމާއި، ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ. މީގެ އިތުރުން، އިޖުތިމާޢީ ޚިދުމަތާއި އެކުވެރިކަމުގެ ރޫޙު އާލާކުރުމަކީވެސް މިކަމުގެ މުހިންމު ބޭނުމެއް ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.

އެކި ބާވަތްތަކުގެ ލޭ ހޯދުމުގައި މިއަދު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން އެ އެސޯސިއޭޝަނުން ވިދާޅުވީ، މިފަދަ ހަރަކާތްތަކުގެ ސަބަބުން އިންސާނިއްޔަތުގެ ރޫޙު އާލާވެ، ލޭ ބޭނުންވެފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބުމަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި ކުރިމަގުގައިވެސް މިފަދަ ހަރަކާތްތައް ބާއްވައި، ފަރުދީ ފެންވަރުގައިވެސް ލޭ ހަދިޔާކުރުމަށް ތައްޔާރަށް ތިބޭނެކަމުގެ ޔަޤީންކަން އެ އެސޯސިއޭޝަނުން ވަނީ ދެއްވާފައެވެ.

އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް މިފަދަ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަށްގެންދެއެވެ. މި ހަރަކާތްތަކުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އެ ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.