ރާއްޖެއާ ތުރުކީއާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސް މެދުވެރިކުރައްވައި ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، 75 ބާވަތެއްގެ މުދަލުން ނަގާ ޓެރިފް ކުޑަވެގެންދާނެ އެވެ. ޚާއްސަކޮށް، ރާއްޖޭގެ މަހުގެ ބާވަތްތައް ތުރުކީގެ ބާޒާރަށް ފޯރުކޮށްދިނުމުގައި މުހިންމު ލުއިތަކެއް ދިވެހި އެކްސްޕޯޓަރުންނަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަހުގެ ބައެއް ބާވަތްތައް އެއްވެސް ޓެރިފަކާ ނުލައި ތުރުކީއަށް ފޮނުވުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އެއްބަސްވުމުގައި ހިމަނާނެ ތަފްސީލީ ކަންކަމާ މެދު ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވި ގައުމަކީ ތުރުކީ އެވެ. އެ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ވެސް ފެއްޓެވި އެވެ.
ތުރުކީގެ އިތުރުން، 2018 ވަނަ އަހަރު ޗައިނާއާ އެކު އެއްބަސްވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް ވެސް ރާއްޖެ އިން މިހާރު ވަނީ އަމަލުކުރަން ނިންމައިފަ އެވެ. މީގެ އިތުރުން، އިންޑިއާ އަދި އިނގިރޭސިވިލާތާ އެކު ވެސް މިފަދަ އެއްބަސްވުންތަކެއް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.
ކޮމެންޓު ފޮނުވާ