40 އަހަރުގެ ދިގު ހިދުމަތަކަށް ފަހު ދިރާގުގެ ސީއީއޯ އިސްމާއިލް މަގާމުން ވަކިވެވަޑައިގެންފި

40 އަހަރުގެ ދިގު ހިދުމަތަކަށް ފަހު ދިރާގުގެ ސީއީއޯ އިސްމާއިލް މަގާމުން ވަކިވެވަޑައިގެންފި

Author
ހުސެއިން
31 ޖުލައި 2026 06:10
0

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު، މުވާސަލާތީ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހޭދަކުރެއްވުމަށް ފަހު، މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

ލިންކްޑްއިން މެދުވެރިކޮށް އާންމުކުރެއްވި ވަދާއީ މެސެޖެއްގައި އިސްމާއިލް ވިދާޅުވީ، ދިރާގުން ހޯދި ކާމިޔާބީތަކުގެ އަސްލަކީ އެއް އަމާޒަކަށް ގުޅިގެން މަސައްކަތްކުރި މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ. އަދި މާކެޓުގެ ކުރީގައި، ރާއްޖޭގެ ކޮންމެ ރަށަކަށާއި ކޮންމެ ރިސޯޓަކަށް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދިރާގު އޮއްވާ، މަގާމުން ވަކިވެވަޑައިގަންނަވާތީ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިރާގުގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން. އަޅުގަނޑުމެން އެކުގައި ކުރި މަސައްކަތުން ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދިނުމުގެ ފުރުސަތު ލިބިގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލްގެ ދިގު ކެރިއަރު ފެއްޓެވީ، ދިރާގު އުފެދުމުގެ ކުރިން ކޭބަލް އެންޑް ވަޔަލެސްގަ އެވެ. އަދި 1988 ވަނަ އަހަރު ދިރާގު އުފެއްދި ޓީމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.

އޭނާގެ ދައުރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މުވާސަލާތީ ހިދުމަތް ފުޅާކުރުމާއި، މުޅި ރާއްޖެއަށް ޖީއެސްއެމް މޮބައިލް ހިދުމަތް ތައާރަފުކުރުމާއި، 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރިން ކޭބަލް ސިސްޓަމް ގާއިމުކުރުމާއި، ރާއްޖޭގެ އުތުރުން ދެކުނަށް އެތެރޭގެ ސަބްމެރިން ކޭބަލް ނެޓްވޯކް ތަރައްގީކުރުން ހިމެނެ އެވެ. އަދި 2011 ވަނަ އަހަރު ދިރާގުގެ ހިއްސާ އާންމުންނަށް ވިއްކުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. މީގެ އިތުރުން، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފައިބަ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އޭނާގެ މުހިންމު ދައުރެއް ފެނިގެންދިޔަ އެވެ.

ވަދާއީ މެސެޖުގައި އިސްމާއިލް ވަނީ، އެކި ދުވަސްވަރު އޮތް ސަރުކާރުތަކާއި، ދިރާގުގެ ބޮޑު ހިއްސާދާރު ބިޔޯން އާއި، ކުންފުނީގެ ބޯޑާއި، ކަސްޓަމަރުންނާއި، ވިޔަފާރި ބައިވެރިން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގުން މި މަހުގެ 1 ގައި ލީޑަޝިޕަށް ބަދަލެއް އަންނަކަން އިއުލާނުކުރި އިރު، ބޯޑުގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ ސަކްސެޝަން ޕްރޮސެސްގެ ދަށުން ސީއީއޯ ޑެސިގްނޭޓްގެ މަގާމަށް އައްޔަންކުރެއްވީ، އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަން ސަރަހައްދުގައި މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ވަލްޑެމާ 'ވާލްޑޭ' ފެރަޑާޒް އެވެ.

ފެރަޑާޒަށް ހެޔޮއެދުންތައް އަރިސްކުރައްވަމުން، އިސްމާއިލް ވިދާޅުވީ ދިރާގުގެ މޮޅު އެކްޒެކެޓިވް ޓީމާއި މުވައްޒަފުންނާ އެކު، ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އިތުރު ކާމިޔާބީތައް ހޯދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.