ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން ތައާރަފުކުރި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، ޝަމްހީދު ވަނީ މި ޕްރޮގްރާމާ ގުޅޭ ހުރިހާ އެއްބަސްވުމެއް މަޖިލީހަށާއި ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމުގެ މި ސިޔާސަތު ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ނޫނެވެ. އެއީ ހަމައެކަނި އިދާރީ ނިންމުމެއްގެ މައްޗަށް ބިނާވެގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި މަސައްކަތް ބޭރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ހެންލީ އެންޑް ޕާޓްނާސް" އާ ހަވާލުކުރި ނަމަވެސް، އޭގެ މާލީ އަދި ގާނޫނީ ތަފްސީލެއް މިއަދާ ހަމައަށްވެސް ހާމަކޮށްފައި ނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ޖުލައި 1، 2025 ގައި ސިންގަޕޫރުގައި އެ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ޝަރުތުތަކާއި، މި ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އޮތްކަން ނުވަތަ ނޫންކަން ވެސް އެނގެން ނެތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ މި ޕްރޮގްރާމުގެ ދަށުން ބިނާކުރާ ވިލާތައް މިހާރު ވިއްކުމަށް އިޝްތިހާރު ކުރަމުންދާ މައްސަލައާ މެދު އެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ތެރޭގައި ވަކި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިފައިވާ "ވަކި ދައުލަތެއް" އުފެދި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ކަންބޮޑުވުންތަކެއް ފާހަގަކުރެވޭތީ، މި ޕްރޮގްރާމް ވަގުތުން މެދުކަނޑާލައި، މިކަމާ ގުޅޭ ހުރިހާ އެއްބަސްވުމެއް އާންމުކުރުމަށް ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.
ކޮމެންޓު ފޮނުވާ