މެންބަރުންނަކީ ގާބިލު ބޭފުޅުން، ބިލުތަކަށް އިލްމީ ބަހުސް ކުރައްވާ: ސަލީމް

މެންބަރުންނަކީ ގާބިލު ބޭފުޅުން، ބިލުތަކަށް އިލްމީ ބަހުސް ކުރައްވާ: ސަލީމް

Author
އަހުމަދު
29 ޖުލައި 2026 11:16
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ މާއްދާތަކާ ގުޅޭ ގޮތުން އިލްމީ ބަހުސެއް ކުރެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް މިއަދު މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

ސަލީމް މިކަމަށް އެދިވަޑައިގަތީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ. އެ ބިލުގައި ހިމެނެނީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރުމާއި، އެ ބޯޑަށް ސީއީއޯއެއް އައްޔަންކުރުމާއި، ބޯޑުގެ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތުގެ އިސްލާހުތަކެކެވެ.

ބިލަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) ގެންދެވީ އެމްޑީޕީގެ ދެ ސަރުކާރަށް ފާޑުވިދާޅުވަމުންނާއި، މި ސަރުކާރުން ހާސިލުކުރި ބައެއް ކަންކަމަށް ތައުރީފު ކުރައްވަމުންނެވެ. އައިބީގެ ވާހަކަ އެ މިސްރާބަށް ދަތުރުކުރި ހިސާބުން ސަލީމް ވަނީ ބިލުގައިވާ މައުޟޫއަށް އެނބުރި ވަޑައިގެންނެވުމަށް އައިބީގެ އަރިހުން އެދިވަޑައިގެންފައެވެ.

އައިބީގެ ބަހުސް ނިމުމުން ސަލީމް ވިދާޅުވީ ބިލުތަކުގައި ހިމެނޭ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެވޭނީ، މާއްދާތަކާ ގުޅޭ ގޮތުން އިލްމީ ބަހުސެއް ކުރެއްވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެންބަރުންނަކީ ވަރަށް އިލްމީ އަދި ގާބިލު ބޭފުޅުން ކަމަށް ވާތީ އެގޮތަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ސަލީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.