ހިމަބިހި ކޮންޓްރޯލް ނުވެ، މިއަހަރު ފެނުނު ކޭސްތަކުގެ އަދަދު 186 އަށް

ހިމަބިހި ކޮންޓްރޯލް ނުވެ، މިއަހަރު ފެނުނު ކޭސްތަކުގެ އަދަދު 186 އަށް

Author
އަހުމަދު
28 ޖުލައި 2026 11:16
0

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، މިއަހަރުގެ މިހާތަނަށް 186 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، ހަމައެކަނި މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން 20 ކޭސް ފެނިފައިވެއެވެ. މިއާއެކު ބަލީގެ ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 186 އަށް އުފުލިފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 12،000 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބައްޔަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއިން، އަދި ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން ފަސޭހައިން ފެތުރޭ ބައްޔެކެވެ. ޚާއްޞަކޮށް، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

މި ޙާލަތުގައި، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްޙީ ފަރުވާ ހޯދުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމުން ދުރުހެލިވެ ތިއްބެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.