އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރެވެމުންދަނީ ރަނގަޅު މަޝްވަރާތަކެއް ކަމަށާއި، ނަމަވެސް އެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އީރާނަށް ދޭ ވައިގެ ހަމަލާތައް އަލުން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފަސް މަސް ދުވަހަށް ދިގުދެމިގެންދިޔަ ކުރިމަތިލުންތަކަށްފަހު، ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން ވެފައި އޮތް އެއްބަސްވުމާ ޚިލާފުވެ، މި މަހުގެ ތެރޭގައި އެމެރިކާއިން އަލުން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތައް ހޮނިހިރު ދުވަހު ވަނީ ކުއްލި ގޮތަކަށް ހުއްޓާލާފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރެވެމުންދާ މަޝްވަރާތަކުން ހައްލެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ރަނގަޅު ވާހަކަތަކެއް ދައްކަމުން. އަޅުގަނޑަށް ހީވަނީ ކަންތައްތައް ރަނގަޅުވުމުގެ ފުރުސަތު ބޮޑުހެން. އެކަން ވެއްޖެ ނަމަ ރަނގަޅު. ނުވެއްޖެ ނަމަ، މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން ކަންތައްތައް ކުރަމުންދިޔަ ގޮތަށް ކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ވިދާޅުވީ މެދުވެރިންގެ ދައުރު މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެއީ އީރާނުން އެދިގެން ކުރަމުންދާ މަޝްވަރާތަކެއް ނޫން ކަމަށެވެ. ނަމަވެސް މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުންވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ، އެމެރިކާއިން ހަމަލާ ނުދޭހާ ހިނދަކު އީރާނުންވެސް ހަމަލާއެއް ނުދޭނެ ކަމަށެވެ.
އެހެންނަމަވެސް، ވައިގެ ހަމަލާތައް ހުއްޓާލި ފަހުންވެސް އީރާނުގެ ކަނޑުގެ ސަރަހައްދުގައި އުޅޭ އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން އިންޒާރު ދެމުންދާ ކަމަށާއި، ގަވާއިދާ ޚިލާފަށް ކަނޑުގެ ބްލޮކޭޑެއް ތަންފީޒުކުރަން މަސައްކަތްކުރަމުންދާ ކަމަށް އީރާނުގެ އަސްކަރީ މަރުކަޒީ ކޮމާންޑުން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ޕެޓްރޯލިއަމް ސިނާއަތުގެ އަމާޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެއީ އީރާނުގެ ތާއީދު ލިބިގެން އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކުން ފޮނުވި ހަމަލާތަކެއް ކަމަށް ސައުދީން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ