ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ މަސައްކަތް ކުރަމުން: އޮސްޓްރޭލިއާ

ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ މަސައްކަތް ކުރަމުން: އޮސްޓްރޭލިއާ

Author
އަހުމަދު
27 ޖުލައި 2026 11:16
0

ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ އަސްކަރީ ގުޅުން ވަރުގަދަކަމަށާއި، މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާކަމަށް، އިންޑިއާ ކަނޑަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިޔާގެ ޚާއްޞަ މަންދޫބު ޓިމް ވަޓްސް ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ، 1974 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނީއްސުރެ، ދެ ޤައުމުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮންނަނީ އިޙްތިރާމާއި، އިތުބާރާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި އުޞޫލުތަކުގެ މައްޗަށް ކަމަށާއި، މި މަނަވަރަކީ އެ ގުޅުމުގެ ރަމްޒެއް ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ ތިންބައިކުޅަ އެއްބަޔާއި، ހަކަތައިގެ ދެބައިކުޅަ އެއްބައި އުފުލެނީ އިންޑިއާ ކަނޑު ހުރަސްކޮށްކަން ފާހަގަކުރައްވާ ޓިމް ވިދާޅުވީ، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ޒަމާނުއްސުރެ އެކި ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން ކަމަށެވެ. މި ސަބަބާ ހުރެ ރާއްޖެއާއި އޮސްޓްރޭލިޔާ ގުޅިގެން އަސްކަރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޮސްޓްރޭލިޔާއިން ދަނީ އިންޑިއާ ކަނޑުގެ ބައިވެރިންނާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ކަނޑުގެ ދިފާޢީ އެއްބާރުލުން ވަރުގަދަކޮށް، ހަމަނުޖެހުންތައް ހުއްޓުވައި، ހަމަޖެހުން ޤާއިމުކޮށް، އަދި އަޅުގަނޑުމެން އެންމެންނަށް މުހިންމު މިނިވަންކަން ޙިމާޔަތްކުރުމަށް މަސައްކަތްކުރަމުން. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެ ޤައުމުގެވެސް ކަންބޮޑުވުމެއް. މިއީ ދިވެހިރާއްޖެއާއެކު އަޅުގަނޑުމެން ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމެއް،" ޓިމް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް 52 އަހަރަށްވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޓިމް ވިދާޅުވީ، ތަޢުލީމާއި، މެރިޓައިމް، އަދި ކަނޑުގެ ސަލާމަތުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ. ޚާއްޞަކޮށް ގިނަ ޢަދަދެއްގެ ދިވެހިން އޮސްޓްރޭލިޔާގައި ތަޢުލީމު ޙާޞިލުކުރަމުންދާކަމާއި، ކޮންމެ އަހަރަކުވެސް އެތައް ހާސް އޮސްޓްރޭލިޔާ ރައްޔިތުންނެއް ރާއްޖެއަށް ޒިޔާރަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މުޢާހަދާތަކުގައިވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓިމް ވިދާޅުވީ، "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ރާއްޖޭގެ މުސްތަޤުބަލު ޙިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދެއް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މި މަނަވަރުގެ ސަބަބުން ކަނޑުގެ ސަލާމަތްތެރިކަން އިތުރުވެ، ޤާނޫނު ތަންފީޒުކުރުމަށް ބާރުލިބި، އިންސާނީ އެހީތެރިކަން ބޭނުންވާ ކުއްލި ޙާލަތްތަކުގައި އެހީތެރިވެދީ، އަދި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.