ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި، ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މަންދޫބު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
ދެ ހަރަމްފުޅުގެ ޚާދިމުގެ މުޝީރެއްގެ ގޮތުގައާއި، ސައުދީ މިނިސްޓަރ އޮފް ސްޓޭޓް އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ޕްރިންސް މަންސޫރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅު ފާހަގަކުރެވިގެންދިޔައީ، ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ބަދަހި އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒެއްގެ ގޮތުގައެވެ.
ދަތުރުފުޅުގެ ތެރެއިން ޕްރިންސް މަންސޫރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދެ ފަރާތަށް ފައިދާހުރި އެކިއެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ޝަރަފުގައި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ބާއްވަވާފައެވެ.
އަދި މީގެ އިތުރުން، ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކާއި ހެވިކަމުގެ ކުޅިވަރުތައް ބައްލަވާލެއްވުމުގައި ޕްރިންސް މަންސޫރު ވަނީ ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ދައުލަތުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ މަތީ ފެންވަރެއްގެ ބޭފުޅަކު ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަޙްމަތްތެރިކަމުގެ ފުންމިން ހާމަކޮށްދޭ ދަލީލެކެވެ.
ކޮމެންޓު ފޮނުވާ