ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "އިމާދުއްދީން" މަނަވަރު މިރޭ ސިފައިންގެ ހިދުމަތަށް ނެރެފިއެވެ.
މި މަނަވަރު ކޮމިޝަން ކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި "އިމާދުއްދީން" އަކީ މުޅިން އަލަށް ބަނދެފައިވާ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެކެވެ. މި މަނަވަރު ބޭނުންކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނު ދިވެހި ސިފައިން ވަނީ ފުރިހަމަކޮށްފައެވެ. އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރު ގެނައި 14 ދުވަހުގެ ދަތުރު ވެސް އޮޕަރޭޓް ކޮށްފައި ވަނީ ދިވެހި ސިފައިންނެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެއެވެ.
އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ ރައީސް އެންމެ އިސްކަން ދެއްވާ ސިޔާސަތު ކަމަށެވެ. އަދި ކަނޑުގެ ބާރަކަށް ދިވެހި އަސްކަރިއްޔާ ހަދާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި ސިޔާސަތުގެ ދަށުން މީގެ ކުރިން ތުރުކީން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހޯއްދަވައި، މިހާރު އޮސްޓްރޭލިއާއިން ވެސް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ހޯއްދަވައިދެއްވާފައި ކަމަށް ވެސް ހިލްމީ ވިދާޅުވިއެވެ.
ހިލްމީ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުޑަ ތަންކޮޅެއް ވެސް ދޫނުކޮށް، ދިވެހި ކަނޑުގެ އަސްކަރިއްޔާއިން އެއްވެސް ފަސްޖެހުމެއް ނެތި ބަލަހައްޓަމުން ދާނެއެވެ.
ކޮމެންޓު ފޮނުވާ