މިއަދު ފާހަގަކުރަމުންދާ ހުރަވީދުވަހު ދޮންބަނޑާރައިން ދިވެހި ޤައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކޮށް، ޤައުމީ ރޫޙު ދިރުވާ އާލާކުރުން މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ރައީސް ޞާލިހު ވިދާޅުވީ މިދުވަސް ފާހަގަކުރާއިރު، ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ގޮތާއި، އެދުވަހު ދޮންބަންޑާރައިން ދިވެހި ޤައުމަށް ވެ ވަޑައިގެންނެވި ޤުރުބާނީ ހަނދާން އާކުރުމަކީ މިއަދު ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެ ހަނދާންތައް އާކޮށް ޤައުމީ ރޫހު ދިރުވައި އާލާކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ހުރަވީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރަން. މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރައިން ދިވެހި ޤައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކޮށް، ޤައުމީ ރޫޙު ދިރުވާ އާލާކުރުން މުހިއްމު.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަދުވަހުއެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮން ޙަސަންމަނިކުފާނަށެވެ. މިދުވަސް ނިސްބަތްވަނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށެވެ. އެ ހާދިސާ ހިނގީ ރޭގަނޑެއްގައިކަމަށް ތާރީޚީ ފޮތްތަކުގައިވެއެވެ.
ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރި އެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވިއެވެ. މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގައެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.
ކޮމެންޓު ފޮނުވާ