ހުޅުމާލޭގައި "މާލޭ ކޯޓު ކޮމްޕްލެކްސް"ގެ ނަމުގައި 14 ބުރީގެ އިމާރާތެއް ބިނާކުރުމުގެ މަޝްރޫއު، 699.86 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޣަފޫރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަޑް) އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން ބިނާކުރާ 14 ފަންގިފިލާގެ އިމާރާތް ހަދާނީ 29,490 އަކަފޫޓުގެ ސަރަޙައްދެއްގައެވެ. މި އިމާރާތުގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު، ފެމިލީ ކޯޓު، ހައިކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފީސްތައް ޤާއިމުކުރެވޭނެއެވެ.
ކޯޓުތަކާއި ޝަރުޢީ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ހިންގާ މި މަޝްރޫއު ނިމުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ