ތ.އަތޮޅުގައި 2.7 ބިލިއަން ރުފިޔާގެ ޓައުންޝިޕެއް ތަރައްގީކުރަން ސޮއިކޮށްފި

ތ.އަތޮޅުގައި 2.7 ބިލިއަން ރުފިޔާގެ ޓައުންޝިޕެއް ތަރައްގީކުރަން ސޮއިކޮށްފި

Author
އަހުމަދު
25 ޖުލައި 2026 08:08
0

ތ.އަތޮޅުގައި 175 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ތިމާވެއްޓާ ރައްޓެހި ޓައުންޝިޕެއް ތަރައްގީކުރުމަށް "ބްލޫ ސިނަޖީ އިންވެސްޓްމަންޓްސް" އާއި ލަންޑަނުގެ "އެމަރަލްޑް ކޯޕަރޭޓްސް" އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"ތާ އައިލެންޑް ކްލަސްޓާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ މަލަމައްޗަށް ބޮޑު ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ދެ ކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ އެމަރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލަކޫ ހިރަނަންދަނީ ކަމަށާއި، ރާއްޖޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތަކާއި އޮޕަރޭޝަނަލް ކަންކަން ބަލަހައްޓަވާނީ ބްލޫ ސިނަޖީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒް ކަމަށްވެސް ދެ ކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން، މަޝްރޫއު ފެށުމުގައި ސަންޖޭ ޝްރަވަން މުހިންމު ދައުރެއް އަދާކުރައްވާފައިވާ އިރު، ލޭއައުޓް ތައްޔާރުކުރުމާއި އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލުމުގައި މަހެންދުރަ ޖޯޝީގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ސިފަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އިމާރާތްކުރުމުގެ މަޝްރޫއެއް ނޫނެވެ. "ނިއަރ-ނެޓް-ޒީރޯ" ނުވަތަ ޖައްވަށް ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ރަށްތަކެއް ބިނާކުރުމުގެ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، އިކޯ-ރިސޯޓްތައް ތަރައްގީކުރުމާއި، މުސައްޅަ، ހުއިފިލަނޑާ އަދި ކޮލި މަސް ފަދަ މާރިކަލްޗާ ތަކެތި އާލާކޮށް އެކްސްޕޯޓް ކުރެވޭނެ ސިނާއަތެއް ގާއިމުކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ފައިދާ ހަމައެކަނި ރާއްޖެ އަށް ނޫން ކަމަށާއި، ބޭނުންވާ ސްމާޓް ގްރިޑްތަކާއި، މެރިން-ސޯލާ ސެޓަޕްތަކާއި އިންޖިނިއަރިން މަސައްކަތްތަކުގައި އަވަށްޓެރި އިންޑިއާގެ ޓެކްނޮލޮޖީއާއި ސަޕްލައި ޗެއިންގެ ބޭނުން ހިފުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޝްރޫއުއާ ބެހޭ ފަރާތްތަކުން މައުލޫމާތު ދިނެވެ. މީގެ ސަބަބުން ރާއްޖޭގެ "ބްލޫ އިކޮނޮމީ" އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނ.އަތޮޅު ކުރަމާދޫ އާއި ދެކެނަންފަރު އަދި ދިގުފަރުގައި ތަރައްގީކުރާ "އައިލާ މޯލްޑިވްސް" ގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށިއިރު، އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ. މަޝްރޫއުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 11 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.