އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހޫނުކަން ސަރަޙައްދަށް ފެތުރި، ސައޫދީ އަރަބިއްޔާއިން ހުކުރު ދުވަހުގެ ރޭ ޔަމަނުގެ ހުދައިދާ ސިޓީއަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ހުދައިދާއަށް ދިން މި ހަމަލާތަކާ ގުޅިގެން ހޫތީންގެ ފޮރިން މިނިސްޓްރީން ވަނީ ސައޫދީއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެ މިނިސްޓްރީން ބުނީ މި ހަމަލާތަކުގެ "ބޮޑު އަގެއް" ސައޫދީ އަރަބިއްޔާއިން ދައްކަން ޖެހޭނެ ކަމަށާއި، މިއީ ދެ ފަރާތުގެ ދެމެދު ހަމަލާއަކަށް ހަމަލާއެއް ދިނުމުގެ އާ މަރުޙަލާއެއްގެ ފެށުން ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، ހޫތީންނާ ގުޅުންހުރި އަލް-މަސީރާ ޓީވީން ބުނެފައިވަނީ ސައޫދީގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި މުވާސަލާތީ އިދާރާތަކަށާއި، ރަތް ކަނޑުގައި އޮންނަ ކަމަރާން ޖަޒީރާއަށެވެ. ކަމަރާން ޖަޒީރާއިން އަންހެނަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން، ހުދައިދާ ބަނދަރު ސަރަޙައްދުގައި ބާރުގަދަ ގޮވުންތަކެއް ގޮވި ކަމަށް، މަންޒަރު ދުށް މީހުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް، ބަނދަރަށް ހަމަލާދިންކަން ސައޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ދޮގުކޮށްފައެވެ. އުތުރު ޔަމަނަށް ބޭނުންވާ ވިޔަފާރި މުދަލާއި އިންސާނީ އެހީ އެތެރެކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ދޮރާއްޓަކީ ހުދައިދާ ބަނދަރެވެ.
ސައޫދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ-ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، މަސްރަޙު ގޯސްވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ހޫތީން ކަމަށެވެ. ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ދެމުންގެންދާ ހަމަލާތަކަކީ "ފިނޑި އަދި ނުރައްކާތެރި" ޢަމަލުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މި ޢަމަލުތައް ހުއްޓާނުލައިފިނަމަ، ފަސްޖެހުމެއް ނެތި ރައްދު ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ދެ ފަރާތުގެ ދެމެދު ހަމަލާތައް ބަދަލުކުރެވެން ފެށިފައި މިވަނީ، ރަތް ކަނޑުން ދަތުރުކުރި ސައޫދީގެ ތެޔޮ ޓޭންކަރުތަކަކަށް ހޫތީން ޑްރޯން އަދި މިސައިލް ހަމަލާދީ، އެއް އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށެވެ. ހޫތީން ބުނާ ގޮތުގައި އެއީ، އޭގެ ހަފްތާއެއް ކުރިން ޞަންޢާގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ސައޫދީން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
މި ހަމަލާތަކާއެކު، 2022 ވަނަ އަހަރުން ފެށިގެން ސައޫދީއާއި ހޫތީންނާ ދެމެދު ޤާއިމުވެފައި އޮތް ނުރަސްމީ ސުލްޙަ ވަނީ މުޅިން ނިމުމަކަށް އައިސްފައެވެ.
ކޮމެންޓު ފޮނުވާ