ސްރީ ލަންކާއަށް ކްރިސްޓަލް މެތު (އައިސް) އެތެރެކުރި މައްސަލައެއްގައި ދެ ދިވެހިއަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ ނ. ލަންދޫ، ނިރު، ހަސަން އަބްދުﷲ (40އ.) އާއި ހ. ޕަލްމެއިރާ، މުހައްމަދު ޝާފީ ބިން އަހުމަދު (28އ.) އެވެ.
ލަންކާގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި މި ދެ މީހުންގެ ތެރެއިން ފުރަތަމަ ފުލުހުންގެ ދަލުގައި ޖެހުނީ ހަސަން އަބްދުﷲ އެވެ. ބުދަ ދުވަހުގެ ރޭ، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކުރީ ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި 602 ގްރާމްގެ އައިސްއާ އެކުގަ އެވެ.
ރާއްޖެއިން ފުރައިގެން ވައިގެ މަގުން ލަންކާ އަށް ޑްރަގު އެތެރެކުރަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ފާރަލަމުން ދަނިކޮށް ހަސަން ހައްޔަރުކުރެވުނު ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުންޏެވެ.
ފުލުހުން ކުރި ސުވާލުތަކުގައި، މި މަސްތުވާތަކެތި ގެންގޮސް ހަވާލުކުރަން އުޅުނީ ލަންކާގައި ފުޅާ ދާއިރާއެއްގައި އައިސް ވިއްކާ މީހަކާ ކަމަށް ހަސަން ބުނި ކަމަށް ފުލުހުން ބުނެ އެވެ. އެ މައުލޫމާތުގެ އަލީގައި، ކޮލޮމްބޯގެ ހޮޓަލެއްގައި ހުއްޓައި ޝާފީ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ. އޭނާ ހުރި ކޮޓަރި ބަލައި ފާސްކުރި އިރު އިތުރު 607 ގްރާމްގެ އައިސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި ދެ މީހުންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައި ދިނުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ