61 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހުމާނު، ސަޢޫދީ ޢަރަބިއްޔާގެ އަމީރު ޑރ. މަންޞޫރު ބިން މުތުޢިބު ރާއްޖެ ވަޑައިގެންފި

61 ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހުމާނު، ސަޢޫދީ ޢަރަބިއްޔާގެ އަމީރު ޑރ. މަންޞޫރު ބިން މުތުޢިބު ރާއްޖެ ވަޑައިގެންފި

Author
އަހުމަދު
25 ޖުލައި 2026 12:12
0

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ އަމީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތުޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. ޑރ. މަންޞޫރަކީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރެއްގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްވެސްމެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ. މީގެ އިތުރުން، ޝަރަފުވެރި މެހުމާނަށް މަރުޙަބާ ކިޔުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ފަރާތުން ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.

ދިވެހިރާއްޖެއަށް އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އެ ތާރީޚީ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.