ބޭނުންވާ ބޭސް ލިބެން ހުރި ފާމަސީއާއި އެ ބޭހުގެ އަގު، ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗު ކުރާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން ބުނެފި އެވެ.
ސްޓޭޓްފާމާ އިން ބުނީ މިހާރު ފަރުމާ ކުރަމުންދާ އެ ޕޯޓަލް މެދުވެރިކޮށް، އެ ކުންފުނީގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، ކޮންމެ ބޭހެއް ލިބެން ހުރި ފާމަސީތަކާއި، ވިއްކާ އަގު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށެވެ.
ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެއް ކަން ފާހަގަކޮށް ސްޓޭޓްފާމާ އިން ބުނީ، މި ޕޯޓަލްއަކީ ރައްޔިތުން އުފުލަމުންދާ އެފަދަ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
ސްޓޭޓްފާމާއަކީ ބޭހާއި ބޭސްފިހާރައިގެ ހިދުމަތް ހަރުދަނާ ކުރުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފައްދާފައިވާ ކުންފުންޏެކެވެ. ކުރިން އެސްޓީއޯގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ