ރާއްޖެއަށް އަލަށް ތަޢާރަފުވާ ހާއްސަ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރި 16 ދިވެހި ޑޮކްޓަރުން، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ މި އަހަރު ގުޅިއްޖެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ޚަބަރު ހިއްސާ ކުރައްވަމުން ވިދާޅުވީ، މި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އައު ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަލަށް ތަޢާރަފުވި ދާއިރާތަކުގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީއާއި ނިއޯނަޓޮލޮޖީގެ އިތުރުން ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން، ކަށީގެ ބަލިތަކާއި އެތެރެހަށްޓާއި ނިއުރޮލޮޖީއާއި ރޭޑިއޮލޮޖީއާއި އީއެންޓީއާއި ގެސްޓްރޯއެންޓްރޮލޮޖީއާއި ޕްލާސްޓިކް ސާޖަރީއާއި ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީގެ ދާއިރާތަކުން ވެސް ޚާއްޞަ ޑޮކްޓަރުން ޚިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ޒަމާނީ ޚިދުމަތްތަކެއް ވެސް ހިމެނޭ ކަމަށެވެ.
ޙަލީމް ވިދާޅުވި ގޮތުގައި، މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅުތަކެކެވެ. ކުރިން ރާއްޖެއިން ނުލިބޭ ގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ނިންމައިލައްވަމުން ސީއީއޯ ވަނީ އެމްސީޖީއެޗްގެ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ޝުކުރު ދަންނަވައިފައެވެ.
ކޮމެންޓު ފޮނުވާ