ދައުލަތުގެ ހިއްސާ އޮންނަ އިތުރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު މެންބަރުން އައްޔަންކޮށްފި އެވެ.
ޕީސީބީން ބުނީ މިއަދު ބޯޑް މެންބަރުން އައްޔަންކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ކަމަށެވެ.
އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ މއ. ޝާހީން، އަބްދުﷲ ޔާމީނެވެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ގ. ބާނީ، އަހްމަދު މާޒިނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާއެވެ. އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ބޯޑަށް އައްޔަންކޮށްފައި ވަނީ ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހީމެވެ.
މީގެ ކުރިން އިއްޔެ ވެސް ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕީސީބީން ވަނީ ތިން މެންބަރުން އައްޔަންކޮށްފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް އާ ޑިރެކްޓަރުން އައްޔަންކުރަމުން މިދަނީ އެ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ 33 ޕަސެންޓު މަދުކުރުމަށް ޕީސީބީން އަންގާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ކޮމެންޓު ފޮނުވާ