ދިފާޢީ އަދި ސަލާމަތީ ދާއިރާ ހިމެނޭހެން، ގިނަ ދާއިރާތަކަކުން މިޞްރާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިޞްރު ސަރުކާރަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ޢާދިލް އިބްރާހީމް، ސަފީރުކަމުގެ ދައުރު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޘަޤާފީ، ފަތުރުވެރިކަމުގެ، ތަޢުލީމީ އަދި ދިފާޢީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެއްވުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސަފީރު ޢާދިލް އިބްރާހީމްގެ ސަފީރުކަމުގެ ދައުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުން ގެންދަވާ ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިޞްރުގެ ބޭފުޅުން އަދާކުރައްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަންކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިޞްރު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުންވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، މި ބައްދަލުކުރެއްވުން ވަނީ ނިންމަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ