އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް "ލޮލަކަށް ލޮލެއް"ގެ އުސޫލުން ރައްދު ދޭނަން: އީރާން

އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް "ލޮލަކަށް ލޮލެއް"ގެ އުސޫލުން ރައްދު ދޭނަން: އީރާން

Author
އަހުމަދު
23 ޖުލައި 2026 11:49
0

އެމެރިކާއިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ހަމަ އެފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، އެ އުދުވާނަށް އެހީވާ ކޮންމެ ފަރާތަކީވެސް ހަމަލާ އަމާޒުކުރެވޭނެ ފަރާތެއް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ދިފާއީ ސިޔާސަތު ބިނާވެފައި އޮތީ "ލޮލަކަށް ލޮލެއް"ގެ ބަދަލުހިފުމުގެ އުސޫލުގެ މައްޗަށް ކަމަށެވެ. އެ ގައުމުގެ ފާލަންތަކާއި އިންޖީނުގެތައް ފަދަ އުމްރާނީ ވަސީލަތްތަކަށް އެއްވެސް ފަރާތަކުން ހަމަލާދީފިނަމަ، ހަރުކަށި ރައްދެއް ދިނުމަށް މަޖުބޫރުވާނެ ކަމަށާއި، އެފަދަ އުދުވާނަކަށް އެއްވެސް ސިފައެއްގައި އެހީތެރިވާ ޤައުމުތަކާއި ފަރާތްތަކަކީވެސް ހުއްދަ އަމާޒުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ މި އިންޒާރު އައިސްފައި މިވަނީ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެ ގައުމުގެ ފާލަންތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕްގެ އިންޒާރާ ގުޅިގެން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް އިން ވަނީ ހުރްމުޒް ކަނޑުއޮޅި މިހާރު ބަންދުކޮށްފައިވާ ކަމަށާއި، ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރެވޭނީ ހަމައެކަނި ކުރިން ކަނޑައަޅާފައިވާ ވަކި މަގަކުން ކަމަށް ބުނެފަ އެވެ.

އަދި އައި.އާރް.ޖީ.ސީ އެއިރޯސްޕޭސް ފޯސްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ސައްޔިދު މަޖީދު މޫސާވީ ވަނީ، އީރާނަށް ހަމަލާދީފިނަމަ، "ކުޑަކުދިން މަރާ މީހުންނަށް" ވާގިވެރިވާ ފަރާތްތަކާއި، އެމީހުންނަށް ފުރުސަތު ދޭ ގައުމުތައް ކަރަންޓު ކެނޑި، އަނދިރިކަމުގެ ތެރެއަށް ދާނެ ކަމަށް ވިދާޅުވެ، ވަގުތުން ރައްދު ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.