ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ބޭކާރު ގޮތުގައި އިތުރު ގަޑީގެ ފައިސާ (އޯޓީ) ނަގާ މައްސަލަ ހައްލުކުރުމަށް، ކުންފުނިތަކުގެ އޯޓީ އުސޫލުތައް އިސްލާހުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފި އެވެ.
ޕީސީބީން ކުންފުނިތަކަށް އެންގީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފުން މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް، މިހާރު އަމަލުކުރަމުން އަންނަ އޯޓީ އުސޫލު ބަދަލުކުރުމަށެވެ. ޕީސީބީން ފާހަގަކުރި ގޮތުގައި މިއީ ކުންފުނިތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށް ގެނައި ބަދަލެކެވެ.
އޭގެ އިތުރުން، މިހާރު އިތުރު ގަޑީގެ ފައިސާ ދިނުމުގައި މަތީ މިންގަނޑެއް ކަނޑައަޅާފައި އޮންނަ ކުންފުނިތަކުން، މިހާރު ގެންގުޅޭ އުސޫލާއި އަލަށް ގެންނަ އުސޫލު އަޅާ ބެލުމަށްފަހު، އެންމެ ފައިދާ ހުރި އަދި ހަރަދު ކުޑަ ގޮތެއް އިހުތިޔާރުކުރަން ވެސް ޕީސީބީން ވަނީ އަންގައިފަ އެވެ. މި ބަދަލާ އެކު ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހި، ބޭކާރު ގޮތުގައި އިތުރު ގަޑީގައި މަސައްކަތްކުރުން ކުޑަވެގެންދާނެ ކަމަށް އެ ބޯޑުން ދެކެ އެވެ.
ހަމައެއާ އެކު، އިތުރު ގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން، ކުންފުނިތަކުގެ މުހިއްމު މަސައްކަތްތަކާއި ހިދުމަތްތައް ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ޕީސީބީން ބުންޏެވެ.
މި އަށް އަމަލުކުރަން ފެށުމަށްޓަކައި، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އޯޓީ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާ އުސޫލަށް އަމަލުކުރަން ފެށުމަށް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގައިފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކަކީ ފައިދާގައި ހިންގޭ ކުންފުނިތަކަށް ހެދުމުގެ ގޮތުން، މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ވެސް ޕީސީބީން މީގެ ކުރިން ވަނީ އަންގައިފަ އެވެ.
ކޮމެންޓު ފޮނުވާ