ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ހާލަތަށް ރިއާޔަތްކޮށް، އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އާދިއްތަ ދުވަހުގެ ރޭ 3:47 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ގެއްލުން ދީފައި ވަނީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިން އިތުރު ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ