ފީފާ މެންސް ވޯލްޑް ރޭންކިންގެ ހަވަނަ މަގާމަށް ޖެހިލައި، މުސްލިމް ގައުމަކުން ފުޓްބޯޅައިގައި މިހާތަނަށް ހޯދި އެންމެ މަތީ ރޭންކިން މޮރޮކޯއިން ހޯދައިފިއެވެ.
1,803.99 ޕޮއިންޓާ އެކު މޮރޮކޯ މި މަގާމަށް އެރީ، ޖުލައި 20 ގައި ފީފާއިން އާންމުކުރި އެންމެ ފަހުގެ ލިސްޓުގައެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުނު އިރު 1,755.10 ޕޮއިންޓާ އެކު ހަތްވަނައިގައި އޮތް އެޓްލަސް ސިންހާތަކަށް، މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން 49 ޕޮއިންޓް އިތުރުވެގެންދިޔައެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯއިން ދިޔައީ ދުނިޔެ ސިއްސުވާލަމުންނެވެ. ގަދަ 32 ގެ ބުރުގައި ނެދަލޭންޑްސްއާ 1-1 އިން އެއްވަރުވުމަށްފަހު، ޕެނަލްޓީގައި 3-2 އިން ބަލިކުރިއެވެ. ދެން ގަދަ 16 ގައި ބައްދަލުކުރި މުބާރާތުގެ ކޯ-ހޯސްޓް ކެނެޑާ ބަލިކުރީ 3-0 ގެ ބޮޑު ތަފާތަކުންނެވެ. މޮރޮކޯގެ މި ދަތުރު ނިމުމަކަށް އައީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން 2-0 އިން ބަލިވި ހިސާބުންނެވެ.
އެފްރިކާ ބައްރާއި އަރަބި ދުނިޔޭގެ އެއްވަނަ ގައުމުގެ މަގާމު ދަމަހައްޓާ މޮރޮކޯއަށްވުރެ ކުރީގައި މިހާރު އޮތީ ފަސް ގައުމެކެވެ. ދުނިޔޭގެ އެއްވަނައިގައި މިހާރު އޮތީ ފައިނަލުގައި އާޖެންޓީނާ 1-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދި ސްޕެއިންއެވެ. ދެވަނައިގައި އާޖެންޓީނާ، ތިންވަނައިގައި ފްރާންސް، ހަތަރުވަނައިގައި އިންގްލެންޑް، އަދި ފަސްވަނައިގައި ބްރެޒިލް އޮތްއިރު، މޮރޮކޯއަށްފަހު ހަތްވަނައަށް ވެއްޓުނީ ޕޯޗުގަލްއެވެ. އެއަށްފަހު ބެލްޖިއަމް، ނެދަލޭންޑްސް އަދި މެކްސިކޯ ގަދަ ދިހައެއް ފުރިހަމަކުރެއެވެ.
2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ އެފްރިކާ އަދި އަރަބި ގައުމުގެ ޝަރަފު ހޯދި މޮރޮކޯއިން މިހާރު އަމާޒު ހިފާފައިވަނީ، ސްޕެއިން އަދި ޕޯޗުގަލްއާ ގުޅިގެން އެ ގައުމުން ބާއްވާ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. އެ މުބާރާތުގައި، މިހާރު އޮތް ކުރިއެރުމުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އެ ގައުމުން ދަނީ ބޮޑުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ