ވޯލްޑް ކަޕް 2026 ގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދުމުން، އެއީ ދުނިޔޭގެ އިންސާފަށް ލޯބިކުރާ އެންމެންނަށް ލިބުނު ފަޚުރެއް ކަމަށް އިރާނުގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ގަޑިން އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު ފައިނަލް މެޗު 120 މިނެޓަށް ދިގުދެމިގެންދިޔަ އިރު، 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވަނީ ދެވަނަ ފަހަރަށް ވޯލްޑް ކަޕުގެ ތަށި އުފުއްލާލައިފަ އެވެ. މި މޮޅާ އެކު އިރާނުގެ ސަރުކާރުގެ އިސް ބޭފުޅުން ވަގުތުން ސްޕެއިނަށް މަރުހަބާ ވިދާޅުވެ، ވޭތުވެދިޔަ މަސްތަކުގައި ފަލަސްތީނަށާއި އިރާނަށް ތާއީދުކުރި ސްޕެއިންގެ ސިޔާސަތު ފާހަގަކުރެއްވި އެވެ.
ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށާއި އިރާނަށް ދެމުންދާ ހަމަލާތަކަށް ސްޕެއިން ސަރުކާރުން ފާޅުގައި ފާޑުކިޔާފައިވުމުން، ސްޕެއިންގެ ގައުމީ ޓީމަށް މުޅި ދުނިޔެއިން ގިނަ ސަޕޯޓަރުންތަކެއް ލިބުނު ކަމަށް ސޯޝަލް މީޑިއާގައި ވަނީ ފާހަގަކޮށްފަ އެވެ. އެއާ ޚިލާފަށް، މި މެޗުގައި އިޒްރޭލުގެ ސިޔާސީ ބޭފުޅުންނާއި ސަޕޯޓަރުން ތާއީދު ކުރީ އާޖެންޓީނާ އަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ފައިނަލުގެ ކުރިން ހާމަކުރެއްވީ އޭނާގެ ތާއީދު އޮތީ އާޖެންޓީނާއަށް ކަމަށެވެ.
އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ، އިޒްރޭލްގެ ސިޔާސަތުތަކަށް ފާޅުގައި ތާއީދު ކުރައްވާ ވެރިއެކެވެ. ހަމައެފަދައިން، ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ޒަމާނުއްސުރެ ދެކޮޅު ހަދާ ގައުމަކީ ވެސް އާޖެންޓީނާ އެވެ.
އިރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ ސްޕެއިންގެ ކުޅުންތެރިންނަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރި ކުޅުންތެރިންތަކެއް ކަމަށާއި، މި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންސާފަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކަށް ފިނިކަން ލިބިގެންދިޔަ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކުޅުންތެރިން ކުރި މަސައްކަތާއި، އިރާނަށް ސްޕެއިނުން ދިން ތާއީދުން ސާބިތުވަނީ މިނިވަންކަމާއި ސާބިތުކަމަކީ ވިސްނުންތޫނު، އިއްޒަތްތެރި ގައުމުތަކުގެ ސިފައެއް ކަން،" ގާލިބާފް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ސްޕެއިންގެ ރައްޔިތުންގެ އިތުރުން މިނިވަން މުސްތަގިއްލު ގައުމުތަކުގެ ރައްޔިތުންނަށް ވެސް މި ކާމިޔާބީގެ ސަބަބުން އުފާވެރިކަން ލިބިގެންދިޔަ ކަމަށެވެ.
އިރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވެސް ސްޕެއިނަށް މަރުހަބާ ވިދާޅުވެ، ސްޕެއިންގެ ސިޔާސަތު ސިފަކުރެއްވީ "އަގުހުރި" ސިޔާސަތުތަކެއްގެ ގޮތުގަ އެވެ. ބަގާއީ ނެރުއްވި ބަޔާނުގައި ވަނީ، ފާއިތުވި މަސްތަކުގައި އަނިޔާވެރިކަމާއި ގަތުލުއާންމާއި ފިއްތުންތަކާ ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމުންނާއި ސްޕެއިން ސަރުކާރުން ގެންގުޅުނު ސާބިތު ސްޓޭންޑަށް ތައުރީފު ކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ