ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް ވަހީދުގެ ދައުވާ ބާތިލް، އަޑުއެހުމަށް ހާޒިރެއް ނުވި

ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް ވަހީދުގެ ދައުވާ ބާތިލް، އަޑުއެހުމަށް ހާޒިރެއް ނުވި

Author
އަހުމަދު
20 ޖުލައި 2026 12:28
0

ސަސްޕެންޑް ކުރުމުގެ ނިންމުމާ ދެކޮޅަށް ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ސިވިލް ކޯޓަށް ހުށަހެޅި ދައުވާ، އޭނާ އަޑުއެހުމަށް ހާޒިރު ނުވުމުން ބާތިލްކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނާ ހިލާފަށް ހޯރަފުށީ ކައުންސިލުން އަމަލުކޮށްފައިވާ ކަމަށް ބުނެ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަހީދު ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އެލްޖީއޭ އިން ބުނެފައި ވަނީ، ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ކައުންސިލްގެ ރައީސް ކަމަށްވާތީ، އެ ޒިންމާ އަދާނުކުރެވުނު ކަމަށެވެ. ވަހީދާ ބެހޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ޖުމްލަ 8 މައްސަލައެއް އެލްޖީއޭ އިން ބެލި އެވެ.

ދިފާއުވުމަށް ފުރުސަތު ނުދީ ސަސްޕެންޑް ކުރި ކަމަށާއި، އެ ނިންމުން އަލުން ރިވިއު ކުރުމަށް އެދި ވަހީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ކަމަށް ވިޔަސް، ދައުލަތުން ދިފާއު ހުށަހެޅުމުން، އެއަށް ރައްދު ދިނުމުގެ ފުރުސަތު ދިން ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ކޯޓުން ބުނެ އެވެ. މީގެ އިތުރުން، މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކުރި އަޑުއެހުމުގެ ލިންކް ފޮނުވައި، ގަޑި ފާއިތުވިއިރު ވެސް ވަހީދު އަޑުއެހުމުގައި ބައިވެރިވެފައި ނުވާ ކަމަށާއި، މަގުބޫލު ސަބަބެއް ވެސް ދައްކާފައި ނުވާ ކަމަށް ގާޒީ ފައިސަލް އާދަމް ފާހަގަކުރެއްވި އެވެ. އެހެންވެ، ދައުވާ ފޯމް ބާތިލް ކުރަން ގާޒީ ނިންމެވި އެވެ.

އެލްޖީއޭ އިން ބެލި މައްސަލަތަކުގައި ވަހީދުގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހާއި، މެމްބަރުން ކަމަށްވާ އިބްރާހިމް ޝާކިރު، މަރިޔަމް ވަކީލާ، އާމިނަތު ވިސާމާ، އާމިނަތު ނާސިހާ އަދި އަހުމަދު ރައޫފަށް ނަސޭހަތް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. މި ހުރިހާ ކައުންސިލަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅުންނެވެ. ވަހީދުގެ ސަސްޕެންޝަންގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވަހީދާއި ކުރީގެ މެމްބަރުން ވާދައެއް ނުކުރައްވަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.